ފްރާންސްގައި ބާއްވާ ޕެރަލިމްފިކް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ޕެރާ ޓީމާއި، ކުޅިވަރާ ހަށިހެޔޮ ކަމާބެހޭ ވަޒީރު، އަބުދުﷲ ރާފިއު ބައްދަލުކޮށް ހިތްވަރުދެއްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ކުޅިވަރާ ހަށިހެޔޮ ކަމާބެހޭ ވުޒާރާގައެވެ. މި ބައްދަލުވުމުގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ރިޔާޒް، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ރައީސް އައިޝަތު ނަޒްހަތު ބައިވެރިވެ ވަޑައިގަތެވެ.

މިރަސްމިއްޔާތުގައި ޓީމާއި ޖާޒީ ހަވާލު ކުރެއްވުން ގެންދެވުނެވެ. ޓީމާއި ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އަބުދުﷲ ރާފިއުއެވެ. ޓީމަށް ހިތްވަރުދެއްވަމުން މިނިސްޓަރ ވިދާޅުވީ ރަނގަޅު ނަތީޖާތަކެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާ ނަތީޖާ ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށެވެ.

މި ޓީމުގައި ހިމެނޭ ޕެރަ އެތުލީޓުންނަކީ، ފާތިމަތު އިބްރާހީމް، އޭނާގެ ގައިޑް ރަނަރ ފާތިމަތު ޝަމްހާ އާއި އަބްދުލް ރައްޒާގް އަދި އޭނާގެ ގައިޑް ރަނަރ ހުސެއިން ޝިފާޒެވެ. މިޓީމު ބައިވެރިވުމަށް ހަމަޖެހިފައިވަނީ 100 މީޓަރ އާއި 200 މީޓަރ ދުވުމުގައެވެ. ރާއްޖެއިން ޕެރަލިމްޕިކްގައި ބައިވެރިވުމަށް މިފަހަރު ފުރުސަތު ލިބިފައިވަނީ ހަމައެކަނި އެތުލެޓިކްސް އިވެންޓުގައެވެ.

މިޓީމުގެ ކޯޗެއްގެ ވަޑައިގަންނަވާނީ އަބްދުﷲ މަސްއޫދުއެވެ، އަދި ކޮންޓިންޖެންޓުގެ ޗެފް ޑެ މިޝަންގެ ގޮތުގައި ވަޑައިގަންނަވާނީ މޯލްޑިވްސް ޕެރެލިމްޕިކް ކޮމިޓީގެ ސެކެރެޓަރީ ޖެނެރަލް، އަހްމަދު މުހައްމަދެވެ.

މިއީ ޕެރެ އެތުލީޓު ފާތިމަތު އިބްރާހިމް ވާދަކުރާ 2 ވަނަ ޕެރަލިމްޕިކް ގޭމްސްއެވެ. މީގެކުރިން 2021 ވަނަ އަހަރު ބޭއްވުނު ޓޯކިއޯ ޕެރަލިމްޕިކްސް މުބާރާތުގައިވެސް ފާތިމަތު އިބްރާހީމާއި، މުހައްމަދު މާޒިން ބައިވެރިވެ ދިވެހި ގައުމު ތަމްސީލް ކޮށްދީފައިވެއެވެ.

މިފަހަރުގެ ޕެރެ ޓީގައި ހިމެނޭ 2 އެތުލީޓުން ވަނީ އެންމެ ފަހުން މަޑަގަސްކަރައިގައި ބޭއްވުން އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް އިން ރާއްޖެއަށް ލޯ މެޑަލް ހޯދައި ދީފައެވެ. އެހެންކަމުން މިފަހަރުގެ ޕެރަލިމްޕިކް މުބާރާތުގައިވެސް އެދެވޭ ނަތީޖާއެއް ހޯދާނެކަމަށް އުއްމީދު ކުރެވެއެވެ.