އިންޑިއާގެ ކަލްކަތާގައި އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރާލުމާ ގުޅިގެން އިންޑިއާގެ ޑޮކްޓަރުން ވަނީ ގައުމީ ފެންވަރުގެ ހަޅުތާލެއް ފަށާފައެވެ. އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) އިން ވަނީ ހޮނިހިރު ދުވަހު 24 ގަޑިއިރަށް ކޮންމެހެން ޒަރޫރީ ނޫން ސިއްހީ ޚިދުމަތްތައް ހުއްޓާލާނެކަމަށް އިއުލާނުކޮށްފައެވެ.

އައިއެމްއޭ އިން މި މަރާލުން ސިފަކޮށްފައިވަނީ ޖަނަވާރުންނަށް ވުރެ ދަޝު ދަރަޖައިގެ އަމަލެއްގެ ގެ ގޮތުގައެވެ. އަދި މިކަމުން އެ ގައުމުގައި އަންހެނުންނަށް ރައްކާތެރިކަން ނެތްކަން ފާހަގަކޮށްފައިވެއެވެ. މި ހަޅުތާލު ފެށިފައިވަނީ މި ހާދިސާ ހިނގި ހޮސްޕިޓަލަށް ބަޔަކު ހަމަލާދިނުމާ ގުޅިގެންނެވެ. މީހުން ބުނާގޮތުގައި ހޮސްޕިޓަލަށް ގެއްލުންދީފައި މިވަނީ ހެކިތައް ނައްތާލާ، ތަޙުޤީޤަގަށް ހުރަސްއެޅުމުގެ ބޭނުމުގައެވެ.

އެމަޖެންސީ ޚިދުމަތްތައް ކުރިއަށްދާނެ ނަމަވެސް، ބައެއް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި އިޚްތިޔާރީ ފަރުވާތައް ވަނީ މުއްދަތެއް ނެތް ގޮތަށް ހުއްޓާލެވިފައެވެ. އިންޑިއަން މެޑިކަލް އެސޯސިއޭޝަން އިން ޞިއްޙީ މުވައްޒަފުން ރައްކާތެރިކުރުމަށް ހަރުދަނާ ޤާނޫނުތަކެއް އެކުލަވާލުމަށާއި، ހޮސްޕިޓަލްތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށާއި، ޑޮކްޓަރުންނަށް ރައްކާތެރި އަރާމުކުރާނެ ތަންތަން ޤާއިމުކުރުމަށް ގޮވާލައްވާފައިވެއެވެ. އަދި މި މައްސަލަ ފުޅާކޮށް ތަޙުޤީޤުކުރުމަށާއި އަނިޔާ ލިބުނު ފަރާތުގެ އާއިލާއަށް ބަދަލު ދިނުމަށްވެސް އެފަރާތުން އެދިފައިވެއެވެ.

31 އަހަރުގެ މަރުވި މީހާގެ ހަށިގަނޑު ފެނިފައިވަނީ އާރު.ޖީ. ކާރު މެޑިކަލް ކޮލެޖުން އޮގަސްޓު 9 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާގެ ވޮލަންޓިއަރެއް ހައްޔަރުކުރެވިފައިވާ އިރު، މައްސަލަ ތަޙުޤީޤުކުރުމަށް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީ.ބީ.އައި) އާ ޙަވާލުކުރެވިފައިވެއެވެ.

ކަލްކަތާ ފުލުހުންގެ ތަޙުޤީޤުން ހާމަވެފައިވާ ގޮތުގައި، އެނާ މަރާލައިފައި ވަނީ ރޭޕު ކުރުމަށް ފަހުގައެވެ. އަދި މި ޢަމަލުގައި ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށް ޝައްކުކުރެވޭކަމަށް އޯޓޮޕްސީ ރިޕޯޓުގައި ފާހަގަ ކުރައްވާފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ފުޅާ ދާއިރާއެއްގައި އިހުތިޖާޖުތައް ކުރެވިފައިވާއިރު، އަންހެނުންގެ ސަލާމަތާއި މިނިވަންކަމަށް އެދި ވެސްޓް ބެންގާލުގައި "ރިކްލެއިމް ދަ ނައިޓް" މާރޗެއްވެސް ބޭއްވިފައިވެއެވެ.