އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުގެ ކެޑޭޓް ދަރިވަރުންނަށް އެއްދުވަހުގެ ކެޑޭޓް ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މި ކޭމްޕުގައި ޑްރިލް، ބޭސިކް ފަޔަރ އެވެއަރނަސް، ފީލްޑް ކްރާފްޓް އަދި އޮބްސްޓެކްލް ކޯސްގެ ބައިތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ޝަރަފުއްދީން ސްކޫލްގެ ކެޑޭޓުންނަށް މި ކޭންޕު ކުރިއަށް ގެންގޮސްދީފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ސްކޫލުން ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ހަނދާނީ ފިލައެއް ދެއްވާފައެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ފަރާތުން މި ފިލަޔާ ހަވާލުވެލެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސާޖަންޓް މޭޖަރ، ސާޖަންޓް މޭޖަރ އިބްރާހީމް ރަޝީދުއެވެ.މި ކޭމްޕުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި މަސައްކަތްކުރާ ސިފައިންނެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހެޑްކުއޯޓަރޒްގެ ގޯތިތެރޭގައި މިއަދު ހެނދުނު 08:00 އިން 17:00 އަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ޝަރަފުއްދީން ސްކޫލުގެ 109 ކެޑޭޓުން ބައިވެރިވިއެވެ.