ލ.ގަމުން މަސްތުވާތަކެއްޗާއި، ބޮގަރާއެކު ހުކުރު ދުވަހު ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރު ފުލުހުން ރޭ އާންމުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސާލަގައި ހައްޔަރުކޮށްފައިވަނީ ލ.ގަން، ތުނޑި، ވިލެޖު ޢަހްމަދު ޝުޖާޢު (42އ)އާއި، ލ.ގަން، ތުނޑި، ފަންހިޔަނި ޢަލީ ޝަރީފް (57އ) ކަމަށެވެ.

އަދި އެ މައްސަލާގައި މި ދެމީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ގަން ތުނޑި ވިލެޖް ގެއިން އެވެ. އެއީ އަހްމަދު ޝުޖާއު ގެ ގެއެވެ.

މީގެއިތުރުން ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ވިޔަފާރި އަދި ބޮގަރު ކައްކައިގެން އޭގެ ވިޔަފާރި ކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

އެގޮތުން އެ ގެއިން 24.42 ގްރާމްގެ ހެރޮއިން ކަމަށް ޝައްކުކުރެވޭ މަސްތުވާތަކެއްޗާ ބޮގަރު ކަމަށް ޝައްކުކުރެވޭ 2 ރުނބާ އަދި 5 ލީޓަރު ފުޅިއަކާއި އަދި ބޮގަރު ކައްކަން ބޭނުންކުރާ ސާމާނު ފެނިފައި ވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.