ދިޔަވަރު ބޮޑުވާ ވަގުތުގައި ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ހުރިހާ ފަރާތް ތަކުން ވެސް އެ ކަމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކޮށްފިއެވެ.

މެޓު އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.

އަދި ހުޅަނގާއި ހުޅަނގުއުތުރުން ، ދެކުނު އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް މެޓުން ބުންޏެވެ.

މީގެއިތުރުން އުތުރާއި މެދުރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދަށް ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުނެފައިވެއެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލުވެސް ނެރެފަ އެވެ. މި ސަމާލުގެ މުއްދަތު މިއަދު ހެނދުނު 7 ށް ހަމަވާނެއެވެ.

މޫސުން ކުރިއަށް ލަފަކުރާގޮތަށް ބަލާއިރު ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެ ކަމަށް މެޓުން ބުނެއެވެ.

މެޓުން ބުނީ ވައި ޖެހޭނީ އާންމު ގޮތެއްގައި މަޑުން ކަމަށާއި އުތުރުގެ އަތޮޅުތަކުގައި ހުޅަނގު އުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. މިއަދު ރާއްޖޭގެ ކަނޑުތައް މަޑުވާނެ އެވެ.

އިއްޔެ ވަނީ ލ. ކުނަހަންދު އަށް ވެސް އުދައަރައިފަ އެވެ. އަދި އުދައިގެ ސަބަބުން އެރަށުގެ ދަނޑުބިންތަކަށް ވަރަށް ބޮޑަށް ވަނީ ގެއްލުން ލިބިފަ އެވެ.