ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހަލުވިކޮށް ހާސިލުކުރުމަށްޓަކައި ގްލޯބަލް ސައުތާއި އެހެނިހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭ ކަމުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޒަމީރު މިހެން ވިދާޅުވީ އިންޑިއާ ސަރުކާރުން އިއްޔެ ވަރޗުއަލްކޮށް ބޭއްވި ތިންވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރަ ވަނީ 2023 ވަނަ އަހަރު ޖީ20ގެ ރިޔާސަތުގައި އިންޑިއާއިން އަދާކުރި މުހިންމު ދައުރަށް ތައުރީފުކުރައްވައި އިންޑިއާގެ އިސްނެގުމުގެ ދަށުން ތައާރަފުކުރެވުނު ހަރަކާތްތަކުން ޖީ20ގެ މެންބަރު ގައުމުތަކުގެ އިތުރުން، ހާއްސަކޮށް ގްލޯބަލް ސައުތުގެ ގައުމުތަކަށް ލިބުނު މަންފާ ފާހަގަކުރައްވާފައިވެއެވެ.

އަދި ގްލޯބަލް ސައުތުގެ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އެމަނިކުފާނު އަލިއަޅުވާލައްވާފައެވެ. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި، ދަރަނި އިތުރުވުމުގެ މައްސަލަ ހިމެނެއެވެ. މި ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯދުމަށް މަލްޓިލެޓަރަލް އޮނިގަނޑުތައް އަދާހަމަކުރުމުގެ މުހިންމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިނިސްޓަރު ޒަމީރު ވަނީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގެ ތަސައްވުރު ހާސިލުކުރުމަށް ބޭނުންވާ އައު ޓެކްނޮލޮޖީ ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް އަވަސް ދުވެއްޔެއްގައި ހާސިލުކުރެވޭނީ ގްލޯބަލް ސައުތާއި އެހެނިހެން ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށްގެން ކަމަށް ވިދާޅުވިއެވެ.

"ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓް" އަކީ އިންޑިއާގެ ޖީ20 ރިޔާސަތުގެ ދަށުން، ޖީ20ގައި ނުހިމެނޭ ގައުމުތަކުގެ، ހާއްސަކޮށް ގްލޯބަލް ސައުތުގެ މައްސަލަތަކަށް އަޑުއުފުލުމަށް ފެށި ހަރަކާތެކެވެ. މި އަހަރުގެ ސަމިޓް އިފްތިތާހުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.

ފޮރިން މިނިސްޓަރުންގެ ސެޝަން ރިޔާސަތު ބަލަހައްޓަވާފައިވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރްއެވެ. މި ޖަލްސާގައި ބްރޫނާއީ، ކެމްބޯޑިއާ، ކިއުބާ، އިރާގު، ލާއޯ ޕީޑީއާރު، ލެސޯތޯ، މެލޭޝިއާ، ޕެނަމާ، ޕަޕުއާ ނިއު ގިނީ، ސޮލޮމަން އައިލެންޑްސް، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި ޓޫވާލޫ ގެ ފޮރިން މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.