އޯގަސްޓް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މަގުފަހިވާ ގިނަ ހަރަކާތްތަކެއް ހިމެނޭ ގޮތަށް ދިވެހި ފުލުހުންގެ ހިދުމަތުގެ، ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ޝީޝާ ހޮންޑާ މޯލްޑިވްސް އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން، ފުވައްމުލަކު ސިޓީގައި ބޭއްވި ރައްކާ ރޯޑް ޝޯވ ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށްފިއެވެ.

ފުލުހުން ބުނީ އެކަމަށްޓަކައި ރޭ ހާފިޒު އަހުމަދު ސްކޫލު ހޯލުގައި ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ފުވައްމުލަކު ސިޓީ މޭޔަރ އިސްމާޢީލް ރަފީގް ކަމަށާއި މި ހަފުލާގައި ފުވައްމުލަކު ސިޓީގައި ބޭއްވި ރައްކާ ރޯޑް ޝޯވއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވާ ކަމަށެވެ.

އަދި މި ހަފުލާގައި ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ފަސީހު އާއި ފުވައްމުލަކު ސިޓީ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަސީލް އާއި ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ މުވައްޒަފުންނާއި ފުވައްމުލަކު ސިޓީ ޕޮލިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ރައްކާ ރޯޑް ޝޯވގައި ބައިވެރިވި މުވައްޒަފުން ބައިވެރިވެލެއްވިއެވެ

މި ހަފުލާ،ޝަރަފުވެރިކޮށްދެއްވައި ފުވައްމުލަކު ސިޓީގެ މޭޔަރު ދެއްކެވި ވާހަކަފުޅުގައި، މި ފަދަ ޕްރޮގްރާމެއް ފުވައްމުލަކު ސިޓީގައި ބޭއްވުމަކީ ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށާއި މި ޕްރޮގްރާމުގެ ފައިދާ ވަރަށް ރަނގަޅަށް ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ވޭތުވެ ދިޔަ ދެ ހަފުތާގެ ތެރޭގައި ފުވައްމުލަކުގައި ހިންގި މި ޕްރޮގްރާމުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ކޮންމެވެސް ކަހަލަ ބަދަލުތަކެއް އައިސްފައިވާކަން، އަމިއްލައަށް ވިސްނާލުމުން ވެސް އެނގިގެންދާނެކަމާއި މި ޕްރޮގްރާމުގެ ތެރެއިން ގިނަ މައުލޫމާތުތަކެއް ހުރިހާ ރައްޔިތުންނަށް ވެސް ލިބިފައިވާތީ އެކަމާ އުފާކުރައްވާކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، މި މަސައްކަތަކީ ބޭކާރު މަސައްކަތަކަށް ނެހެދުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރުމަށާއި މި މަސައްކަތަކީ ފުލުހުންގެ ވަރަށް ގިނަ ވަގުތާއި ގިނަ ހޭދަތަކެއް ކޮށްފައިވާކަމެއްކަން ފާހަގަކުރައްވައި، މި މަސައްކަތް ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ފަރާތުން ބަލައިގަންނަން ވާނެކަމަށް ވިދާޅުވިއެވެ. އަދި މި މަސައްކަތް ބަލައިގަތުމަކީ ލިބުނު މައުލޫމާތާއި އެއްގޮތަށް އަމަލުތައް ބެހެއްޓުންކަމަށާއި ވަކިވަކި ފަރުދުން ކަންކަން ރަނގަޅުކުރަން ފެށުމުން ފުވައްމުލަކު ސިޓީގެ މަގުތައް އަމާންވެ ރައްކާތެރި ތަނަކަމަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ޕްރޮގްރާމެއް ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންގޮސްދެއްވިކަމަށްޓަކައި ފުލުހުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މި ހަފުލާގައި، ފުވައްމުލަކު ސިޓީ ކޮމާންޑަރ ދެއްކެވި ވާހަކަފުޅުގައި، ފުވައްމުލަކު ސިޓީގައި ރައްކާ ރޯޑް ޝޯވ ބޭއްމުމަށް ހަމަޖެހުނު ހިސާބުން ފެށިގެން މި ހަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ޓީމުތަކެއް އެކުލާލެވި އެޓީމްތަކުގެ ދަށުން އޯވަރލެޕް ނުވާގޮތަށް މަސައްކަތްތައް ކުރަމުންދިޔަކަން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ފުވައްމުލަކު ސިޓީގައި ކޮންމެ ދުވަހަކު ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ރައްކާ ރޯޑް ޝޯވގެ އެކި ހަރަކާތްތައް ހިންގުމުގައި ފުވައްމުލަކު ސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި އެކި މުއައްސާތައް ގުޅިގެން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްކާ ޝޯވގެ ބައިވެރިން ފުވައްމުލަކު ސިޓިގެ ހުރިހާ އުމުރު ފުރާއެއްގެ މީހުންނަށް ކަމުދާނެގޮތަށް ބައްޓަންކޮށްގެން ދީފައިވާ މެސެޖުތަށް ވަރަށްވެސް ފުރިހަމަކަމަށާއި ފުވައްމުލަކު ސިޓީ ޕޮލިހުގެ ޒިންމާއަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މިކަންކަން އަބަދުވެސް ކުރިއަށް ގެންދިއުންކަމަށް ވިދާޅުވިއެވެ.

މި ހަފުލާ ނިންމާލާފައިވަނީ ރައްކާ ރޯޑް ޝޯވގައި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކެއްގެ ޝަރަފުގައި ބޭއްވި ރޭގަނޑުގެ ފަރިއްކޮޅަކުންނެވެ.