އަމާޒަކީ މުޅި ދިވެހިރާއްޖޭ ޓެކްނޮލޮޖީއިން ގުޅިފައިވާ ތައުލީމީ ތަނަކަށް ހެދުން ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވެފައިވަނީ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ދަޢުވަތަކަށް އެކަމަނާ ބައިވެރިވެވަޑައިގަތް "ގްލޯބަލް އެޑިޔުކޭޝަން ކޮންފެރެންސް 2024" ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިވާހަކަފުޅުގައި ވަޒީރު ވިދާޅުވީ ޓެކްނޮލޮޖީގެ ވަސީލަތްތަށް މެދުވެރިކޮށް، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާ ތަޢުލީމީ ނިޒާމެއް ޤާޢިމްކޮށް، ދިވެހިރާއްޖޭގެ ރަށްތަކަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅި ލާމެހިފައިވާ ތަޢުލީމީ ތަނަކަށް ހެދުމަށް މަސައްކަތް ކުރާޏެ ކަމަށެވެ.

މީގެއިތުރުން އޭއައި އަދި އެފަދަ އެހެނިހެން ޓެކްނޮލޮޖީތަށް ތަޢުލީމީ ދާއިރާގައި ބޭނުންކުރަމުންދާއިރު ސަމާލުވާން ޖެހޭ ބައިވަރު ކަންތައްތަކެއް ހުރި ކަމާއި، ދަރިވަރުންނާއި މުދައްރިސުން މިފަދަ ވަސީލަތްތަށް ބޭނުންކުރަމުން ދަނީ ވިސްނުންތެރިކަމާއި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމަށްޓަކައި އޭއައި ލިޓްރެސީ ފަދަ މާއްދާތަށް މުޤައްރަރުގައި ހިމަނަންޖެހޭކަމަށެވެ. ހަމައެހެންމެ، ތަޢުލީމީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކުރާއިރު، ޓެކްނޮކޮޖީއާއި ގުޅޭ އުސޫލުތަކާއި ޤަވާޢިދުތަށް އުފައްދައި، އެ ޤަވާޢިދުތަށް ތަންފީޒުކޮށް، ޓެކްނޮލޮޖީގެ ސަބަބުން އާންމުންނަށް ލިބިދާނެ ގެއްލުންތަކުން ހިމާޔަތް ހޯދައިދިނުމުގެ މުޙިއްމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.