ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި އެކްލަބުގެ މައްޗަށް 2-0 އިން ކުރި ހޯދައި ޗެމްޕިއަން މެންޗެސްޓަރ ސިޓީއިން ފުރިހަމަ މޮޅަކުން ސީޒަން ފަށައިފިއެވެ.
ޗެލްސީ ކޮޅަށް މެޗުގެ 18 ވަނަ މިނެޓުގައި ލަނޑު ޖަހައި ސިޓީއަށް ލީޑް ނަގައިދިނީ ނޯވޭގެ ވަރުގަދަ ފޯވާޑް އާލިންގ ހާލާންޑެވެ. ޗެލްސީގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ސިޓީގެ ލީޑް 84 ވަނަ މިނެޓުގައި ފުޅާކޮށްދިނީ، ޗެލްސީއަށް ކުރިން ކުޅުނު ކްރޭޝިޔާގެ މިޑްފީލްޑަރު މެޓެއޯ ކޮވަސިޗެވެ.
މިމެޗުގައި ސިޓީއަށްވުރެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޗެލްސީއިންނެވެ. މުޅި މެޗަށް ބަލާއިރު %53 ބޯލް ޕޮޒެސަން ހިއްސާކުރީ ޗެލްސީއިންނެވެ. ހަމަލާތަކަށް ބަލާއިރު ސިޓީގެ ގޯލަށް އަމާޒުކޮށް ޗެލްސީއިން 5 ހަމަލާ ފޮނުވާލިއެވެ. ސިޓީއަށް ފޮނުވާލެވުނީ އެންމެ 3 ހަމަލާއެވެ.
ސީޒަނުގެ ފުރަތަމަ މެޗުން ސިޓީގެ އިތުރުން މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލް އަދި އާސެނަލްވެސް ވަނީ މޮޅުވެފައެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު ބައްދަލު ކުރާނީ ޓޮޓެންހަމް އާއި ލެސްޓާ ސިޓީއެވެ.