ފުނަރު ޕޮރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ފެނަކަ އިންސްޓިޓިއުޓު ފޯރ ޓްރެއިނިން އެންޑް ރިސާޗު އިން ހުޅުވާލައިފިއެވެ.

މިއީ ކަރަންޓް ޚިދުމަތުގެ ދާއިރާއިން މީހުން ބިނާ ކުރުމުގެ ސިޔާސަތުގެ ދަށުން އެތަނުން ހުޅުވާލި ފުރުސަތެކެވެ. "މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 25 ފެބްރުއަރީ 2021 ގެ މެންދުރު 1 ގެ ކުރިން ފޯމް ހުށަހަޅުއްވާ،" އެ އިންސްޓިޓިއުޓުން ވިދާޅުވެފައިވެއެވެ.

މިއީ ތިން މަސް ދުވަހުގެ ކޯހެކެވެ. ކޯސް ފެށޭނީ މާރިޗުމަހު އެކެއްގައެވެ.

ފެނަކައިގެ އެޕްރެންޓިޝިޕް ޕްރޮގްރާމް (ފުނަރު) އަކީ ފެނައިން ފޯރުކޮށްދޭ އަސާސީ ތިން ޚިދުމަތުގެ ދާއިރާއިން ފަންނީ ގޮތުން ދިވެހީން ބިނާ ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.

ފުނަރު ޕްރޮގްރާމުން އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސްގައި ބައިވެރިވާ ފަރާތްތަކަށް ޑީސަލް އިންޖީނުގެ ބައިތައް ކިޔައިދިނުމާއި ޑީސަލް ޖަނަރޭޓަރުގެ މެއިންޓެނެންސް މަސައްކަތް ކުރާނޭ ގޮތުގެ ޢަމަލީ ތަޖުރިބާ ލިބިގެންދާނެ ކަމަށް އެތަނުން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް މަހަކު ތިން ހާސް ރުފިޔާގެ އެލަވަންސެއް ވެސް ލިބޭނެއެވެ.