ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުޅުވާލައިގެން ބާއްވާ “މިސްޓަރ ޕޮލިސް 2024- މެންސް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕް” އަންނަ އޮކްޓޯބަރު މަހުގެ ފެށުމަށްވަނީ ހަމަޖެހިފައެވެ.

ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫހު ދިރުވައި، ދިވެހި ފުލުހުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބ ބައެއްގެ ގޮތުގައި ދެމެހެއްޓުމުގެ އިތުރުން ފިޓްނަސް އަށް އަހުލުވެރި ކުރުމުގެ މަގުސަތުގައި ބާއްވާ މި މުބާރާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފާއެވެ.

އޮކްޓޯބަރު 18 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދަނީ ހަތަރު ކެޓަގަރީއަކަށެވެ. އެއީ މެންސް ސްޕޯޓް ފިޒީކް CM 170 TO UP އާއި މެންސް ސްޕޯޓް ފިޒީކް CM 175 TO UP އާއި މެންސް ސްޕޯޓް ފިޒީކް CM 180 TO UP ގެ އިތުރުން މެންސް ސްޕޯޓް ފިޒީކް CM 180 OVER އެވެ.

މި މުބާރާތުގައި ފަޑިޔާރުކަން ކުރާގޮތަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ބޮޑީ ބިލްޑިންގ އެސޯސިއޭޝަންގެ ޑަބްލިއު.ބީ.ޕީ.އެފް.އޭ އަދި އޭ.ބީ.ބީ.އެފް.އޭ ގެ ސެޓިފައިޑް ފަޑިޔާރުންނެވެ.

މިސްޓަރ ޕޮލިސް މެންސް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕްގައި ހަތަރު ކެޓަގަރީންވެސް އެއްވަނަ، ދެވަނަ އަދި ތިން ވަނައިގެ އިތުރުން މުޅި މުބާރާތުގެ އޯވަރޯލް ވިނަރ ހޮވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކާމިޔާބުކުރާ މުވައްޒަފަށް މުބާރާތުގެ މެއިން ސްޕޮންސަރކަމަށްވާ އެލިއާ އިން ހުށަހަޅާފައިވާ އެންމެކްސް 155 ގެ ސައިކަލެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިސްޓަރ ޕޮލިސް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕްގެ ޓައިޓްލް ސްޕޮންސަރަކީ އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއެވެ. ދެން ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އެމްއެޗްއޭ، އޮބިއޮން، އޮފިޝަލް އިވެންޓްސްއެވެ.