ފްރާންސްގެ މަޝްހޫރު ތަރި ކްލިއަން އެމްބައްޕޭ ގޮވައިގެން ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗު މަޔޯކާއާ ވާދަކޮށް 1-1 އިން އެއްވަރު ވެއްޖެއެވެ.

ރެއާލްގެ ކޯޗް ކާލޯ އެންޗެލޮއްޓީ މިމެޗުގެ ފުރަތަމަ އެގާރައަށްވެސް ނެރުނީ މިދިޔަ ހަފްތާގައި އެޓްލާންޓާ ބަލިކޮށް ޔުއެފާ ސްޕަރ ކަޕް ކާމިޔާބު ކުރި ފޯވާޑް ލައިނެވެ. އެއީ އެމްބައްޕޭ އާއި ވިނީޝިއަސް އަދި ރޮޑްރީގޯއެވެ.

މަޔޯކާގެ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ރެއާލްއިންނެވެ. މިލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރޮޑްރީގޯއެވެ. މަޔޯކާއިން އެއްވަރު ކުރީ 53 ވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ވެޑަޓް މުރިޤީސްއެވެ.

ރެއާލްއިން މެޗް ނިންމާލަން ޖެހުނީ މެޗުގެ އިތުރު ވަގުތުގައި ޑިފެންޑަރު ފާލަންޑް މެންޑީއަށް ދެއްކި ރަތްކާޑުގެ ސަބަބުން އެއްކުޅުންތެރިޔަކު މަދުކޮށެވެ.

ރެއާލްގެ ކޯޗް އަންޗެލޮއްޓީ މެޗަށްފަހު ބުނީ އެއްވަރުވުމުން ހިިތްހަމަ ނުޖެހޭ ކަމަށެވެ. "މިއީ އެއްގޮތަކަށްވެސް ހިތްހަމަ ޖެހޭ ނަތީޖާއެއް ނޫން. މިއަށްވުރެ މާބޮޑަށް ރަނގަޅަށް އަހަރެމެންގެ ކުޅުންތެރިންނަށް ކުޅެވޭނެ. ޓީމުގެ މައްސަލަ އުޅެނީ ކޮންދިމާއެއްގައިކަން އެބައެނގޭ. ކުރިއަށް ހުރި މެޗުތަކުގައި މަސައްކަތް ކުރާނީ އެކަން ރަނގަޅު ކުރުމަށް" މިދިޔަ ސީޒަނުގައި ރެއާލް އަށް ލަލީގާ އާއި ޗެމްޕިއަންސް ލީގްވެސް ކާމިޔާބު ކޮށްދިން ކޯޗް އެންޗެލޮއްޓީ ބުންޏެވެ.

މިމެޗަކީ ރެއާލްގެ ޖާޒީގައި އެމްބައްޕޭ ކުޅުނު ދެވަނަ މެޗެވެ. އަދި ލަލީގާގައި ކުޅުނު ފުރަތަމަ މެޗެވެ. މިމެޗް ބަލާލުމަށް ސްޕެއިނުގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރަފެއެލް ނަދާލް ސްޓޭޑިއަމްގައި ހުރިކަން ފާހަގަ ކޮށްލެވެއެވެ. ނަދާލްގެ އުފަން ސިޓީއަކީ މަޔޯކާއެވެ.