ދިރާސާކުރުން ކުރިއެރުވުމާއި އެކަމަށް އެއްބާރުލުންދިނުމާއި އަދި ސުވާލުކުރުމަށާއި އިލްމު ހޯދުމަށާއި ގައުމު ކުރިއެރުވުމުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއި އެއްބާރުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާފައެވެ.

ރައީސް މިކަމަށް އެދިވަޑައިގަތީ "ތެވެލި ބައިނަލްއަގުވާމީ މަހާސިންތާ 2024" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވެފައިވަނީ ތަރައްގީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ސަރުކާރުން ނިންމާ ކޮންމެ ޕޮލިސީ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް ކަމަށާއި އަދި ހަމަ އެހެންމެ ޕްރޮފެޝަނަލް ނިންމުންތަކެއްކަން ފާހަގަކުރެއްވާ މިކަމުގައި ތައުލީމީ ފަރާތްތަކާއި ދިރާސާކުރާ ފަރާތްތަކާއި ޕޮލިސީ ނިންމުންތައް ނިންމާ ފަރާތްތަކާއި ޕްރައިވެޓް ސެކްޓަރާއި އަދި އާންމު ފަރާތްތަކުންވެސް އެކުގައި ގުޅިގެން މިމަގަށް މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ރާއްޖޭގެ ތަރައްގީގެ މޮޑެލް މި މުޖުތަމައަށް ފެތޭތޯ ބެލުމާއި މުސްތަގުބަލުގެ ތަސައްވުރާއި ދިރާސާކުރުމުގެ ނިޒާމު ކުރިއެރުވުމާއެކު ރާއްޖޭގެ އަމިއްލަ ދިރާސާތައް ކުރިއެރުވުމުގެ މުހިންމުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ދިރާސާކުރުމުގެ ބިންގަލުގެ މައްޗަށް ބިނާވެފައިވާ މުސްތަގުބަލެއް ބިނާކުރުމަށް ގައުމީ ރިސާޗް ކައުންސިލެއް އުފެއްދުމަށް ކުރެވޭ މަސައްކަތް ފާހަގަކުރައްވައި ރައީސް ވަނީ މި ސަރުކާރުން ރިސާޗް ކުރިއެރުވުމަށް ދެއްވާ އިސްކަން ފާހަގަ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މި ކަމުގައި ހުރިހާ ފަރާތްތަކުންވެސް އެކުގައި މަސައްކަތްކޮށް، ބަދަލުވަމުންދާ ދުނިޔޭގައި ރާއްޖެއަށް އީޖާދީގޮތެއްގައި ފާގަތިކަމާއެކު ކުރިއަރައި ދެވޭނެކަމަށް ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވެއެވެ.

މިއީ ގައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ތެވެލި ބައިނަލްއަގްވާމީ މަހާސިންތާ ބާއްވާ 7 ވަނަ ފަހަރެވެ. މި އަހަރުގެ މި މަހާސިންތާ ކުރިޔަށްދަނީ މި އޮގަސްޓްމަގުގެ 19އިން 20 އަށެވެ. މި އަހަރުގެ މަހާސިންތާގެ ތީމަކީ "ބްރިޖިންގ ބައުންޑަރީސް: އެކްސްޕްލޯރިންގ ސިނާޖީސް އެކްރޮސް ރިސާޗް ޑިސިޕްލިންސް" އެވެ.