ދިވެހި ފުލުހުންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ހަރުދަނާ ކުރުމަށާއި، ސައިބަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށް އެމިރޭޓްސް ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަ ކުރައްވާ އެމިރޭޓްސްގެ ރައީސް، އަލްއަމީރު ޝެއިޚް މުހައްމަދު ބިން ޒާޔިދު އަލްނަހްޔާނަށް ޝުކުރު އަދާކޮށް އެމަނިކުފާނުގެ ވިސްނުންފުޅާއި ލީޑަރޝިޕްގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ގުޅުންތައް ކުރިއަރަމުން ދާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން އެފަރާތަށް ޝުކުރު އަދާކުރީ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ މަތީ ފަންތީގެ ވަފުދެއް ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވައި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ގުޅިގެން މަސައްކަތްކޮށް އެއްބާރުލުން ދިނުމާ ބެހޭގޮތުން ބޭއްވި މަޝްވަރާކުރެއްވުުމުގައެވެ.
ޔޫއޭއީގެ މި ވަފުދުގައި އިސްކޮށް ހުންނެވީ ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލްގެ އިސްވެރިޔާ ޑރ. މުހައްމަދު އަލްކުވައިތީ އެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވުނު ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ޑރ. އަލްކުވައިތީ ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ދައުލަތުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި، ޑރ. އަލްކުވައިތީ ވަނީ އެމިރޭޓްސްއާއި ދިވެހިރާއްޖެއާ ދެމެދު އޮތް އަހުވަންތަކަމާއި އުހުއްވަތްތެރިކަމުގެ ބަދަހި ގުޅުމަށް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެއިތުރުން، ދެ ގައުމުންވެސް ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި، މި ދާއިރާގައި މިހާރު ލިބިފައިވާ ކުރިއެރުންތަކާއި ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ރައްކާތެރި ސައިބަރ ވެށްޓެއް ގާއިމުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މި ބައްދަލުވުންތަކުގައި ވަނީ ފާހަގަކުރައްވާފައެވެ.
ފުލުހުން ވަނީ މި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ޑރ. އަލްކުވައިތީ ޝައުގުވެރިކަމާއެކު ދެއްވަމުން ގެންދަވާ އެހީތެރިމަށް އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި މަޝްރޫއުތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ލިބޭނެ އެހީތެރިކަން ފާހަގަކުރައްވާފައެވެ.
ޑރ. މުޙައްމަދު އަލްކުވައިތީގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އެމިރޭޓްސްއާ ދެމެދު އޮތް ގުޅުމުގެ އައު ބާބެއްގެ ފެށުމެވެ. ދެ ގައުމުން ވަނީ ޒަމާނީ ޓެކްނޮލޮޖީއާއި، ގުޅިގެން ކުރެވޭ މަސައްކަތުގެ ތެރެއިން ރައްކާތެރި މުޖުތަމެއް ބިނާކޮށް އުޖާލާ މުސްތަގުބަލެއް ކަށަވަރުކުރުމަށް އަޒުމު ކަނޑައަޅާފައެވެ.