ރޯގާ އާއި ކެއްސުމަށް، އާއްމުގޮތެއްގައި ކުޑަކުދިންނަށް ދޭ ބޭހެއް ކަމަށްވާ ކޮފްސީ ސިރަޕްގެ ކޮލިޓީގެ މައްސަލަތަކަށް ފާހަގަކުރެވި ވަކި ގޮތެއް އަންގަންދެން އެބޭސް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި، ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، (އެމްއެފްޑީއޭ)ން މަނާކޮށްފިއެވެ.

އެމްއެފްޑީއޭ އެ ބޭސް މަނާކުރިކަން ހާމަކުރީ އެ އޮތޯރިޓީ އިން މިއަދު ނެރުނު ބަޔާނެއްގައެވެ.

އެމްއެފްޑީއޭގެ ބަޔާނުގައި ބޭހުގެ ފޮޓޯ ހިއްސާކޮށް ކޮފްސީ ސިރަޕްގެ 100 މިލިލީޓަރުގައި ކުނޑި ކޮޅު ކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ ކަންތައް އިތުރަށް ބެލުމުގެ މަަސައްކަތް ކުރަމުންދާ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

އަދި އެ މައްސަލަ ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެން އެ ބާވަތް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާ ކަމަށާއި މިކަމާ ބެހޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެއޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށްވެސް އެ އޮތޯރިޓީންވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގައި ވަރަށް އާންމުކޮށް ބޭނުންކުރާ މި ކޮފްސީ ސިރަޕަކީ އިންޑިއާގެ އެމްއެމްސީ ހެލްތު ކެއަރ ލިމިޓެޑް ކިޔާ ކުންފުންޏަކުން އުފައްދާ ބޭހެކެވެ.