ދިވެހި މުޖުތަމަޢުގެ ކޮންމެ ކަމެއްގައިވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ދެއްވައިފިއެވެ. އެކަމަނާ މިޔަގީންކަން ދެއްވީ "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް - ވިމެންސް އެޑިޝަން 2024" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޮޓަލް ޖެންގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު ނިސްބަތުން މަދުކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވިދާޅުވީ އެކަން އެހެން ދިމާވަނީ ބައެއް ރިސޯޓްތަކުގައި އަންހެނުންނަށް ފަހި މާހައުލެއް ނެތުމާއި، އެ ރޯލުތަކުގައި މަސައްކަތްކުރާ އަންހެނުންނާ ގުޅިފައިވާ އިޖުތިމާއީ ނިކަމެތިކަމާއި، މެނޭޖްމަންޓް މަގާމުތަކުގައި އަންހެނުންނަށް ހުރި ފުރުސަތުތައް ހަނިވާ ގޮތަށް ކަންކަން ދެމިއޮތުމާއި، ނިޒާމީ ގޮތުން ދިމާވާ މައްސަލަތަކުންކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ. އެގޮތުން ވިހެއުމުގެ ޗުއްޓީއާއި އެފަދަ ބޭނުންތައް ދެނެގަނެވޭނެ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި ވަޒީފާ ދިނުމުގައި އަންހެނަކަށްވީތި ތަފާތުކުރުން ގެންގުޅުމަކީ އެއްވެސް ވަރަކަށް ޤަބޫލުކުރެވޭނެ ކަމެއްނޫން ކަމަށާއި އަދި އެއީ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އެޅޭ ހުރަހެއްކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ހަގީގީ ބަދަލެއް ގެނެއުމަށް ހަރުދަނާ ސިޔާސަތުތަކެއް ބިނާކުރުމަށް، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އަޑު އަހައި، މަސައްކަތުގެ މާހައުލުގައި އެކަނބަލުންނަށް ހުރި ގޮންޖެހުންތައް ދެނެގަތުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުންނަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ވަނީ ހަނދާނީ ލިޔުމެއް އަރުވާފައެވެ.