މާލޭގައި އުޅޭ ބުޅާ މަރައި، އޭގެ މަހުން ކާ އެއްޗެހި ތައްޔާރުކުރި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ފިރިހެނަކު އިމިގްރޭޝަނަަށް ހާޒިރުވުމަށް އަންގައި އެމީހާގެ މައުލޫމާތު އާންމު ކޮށްފިއެވެ.
އިމިގްރޭޝަނުން މި ކަން ހާމަކޮށްފައިވަނީ އެކްސްގައި ކޮށްފައިވާ އިއުލާނެއްގައެވެ.
އިމިގްރޭޝަންގެ މި ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ މި ތުހުމަތުގައި ހޯދަމުން ދަނީ ބަންގްލަދޭޝްގެ އަރަފާތު ހޮސެއިން (32އ) އެވެ.
މި ކަމާގުޅިގެން ފެލިން ވެލްފެއާ އޯގަނައިޒޭޝަން ކިޔާ އެންޖީއޯ އަކުން ވަނީ މި ކަމުގެ އެ ބަންގްލަދޭޝް ފިރިހެން މީހާއަށް ތުހުމަތުކޮށް އޭނަގެ ވޯކް ޕާމިޓްގެ ފޮޓޯއާ އެކު އެކްސްގައި ކުރި ޕޯސްޓެއް ކޮށްފައެވެ. އެ އެންޖީއޯ އިން ބުނީ، އޭނާ އަކީ ބުޅާ މަރައި ކައްކާ އެ ތަކެތިން ބާގާ އާއި ސަބްމެރިން ހަދާ ވިއްކާ މީހެއް ކަމަށެވެ.
އަދި އެ ސަރަހައްދުގައި އުޅޭ ބައެއް މީހުންވެސް އެ މީހާ ދިރިއުޅޭ ގެކައިރިން ބުޅާލުގެ މަހުގެ ބައިތައް ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އިމިގްރޭޝަންގެ އިއުލާނުގައި ވަނީ ކުރިއަށް 5 ދުވަހުގެ ތެރޭގައި މ. ސްޓާ ކްލައުޑްގެ 10 ވަނަ ފްލޯގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް ހާޒިރުވުމަށް އޭނައަށް އަންގާފައެވެ.
މީގެއިތުރުން މި މީހާ އާ ބެހޭ މައުލޫމާތާއި އޭނާ އުޅޭ ތަނެއް އިނގޭ ނަމަ އިމިގްރޭޝަންގެ ނަންބަރު 9199017 އަށް ގުޅުމަށާއި އީމެއިލް އިން އަންގާނަމަ ރިސްކް މެނޭޖްމަންޓް ސެކްޝަންގެ އީމެއިލް އަށް މެއިލް ކުރުމަށްވެސް އެފަރާތުން ބުންޏެވެ.