އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުން ސްޓާލިއަން ފަޔަރ ސޭފްޓީއާ ގުޅިގެން އަސެންވެއަރ އުފެއްދުންތަކާ ގުޅޭ ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ސިފްކޯ މާޓްގައި އޮގަސްޓް 19 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެވައި، ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު، ފާތިމަތު މިޒުނާ އަލީ ކަމަށެވެ.

މި ޕްރޮގްރާމްގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުންނާއި ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)ގެ މުވައްޒަފުންގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ބީކޮން، ވޯޓަރ ސްކެއަރ ޕްރައިވެޓް ލިމިޓެޑް، މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ އެއަރޕޯޓް ފަޔަރ އެންޑް ރެސްކިޔު، އެމްބަރ ފަޔަރ ޕްރޮޓެކްޝަން ލިމިޓެޑް އަދި ސްޓާލިއަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަދަ އަލިފާން ނިންވުމަށް ބޭނުންކުރާ އާލާތްތަކާ ގުޅުންހުރި ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މި ޕްރޮގްރާމް، 33 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ.

ސްޓާލިއަން މޯލްޑިވްސްއާ ގުޅިގެން އޮގަސްޓް 18 އިން 19 އަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިންގ ޕްރޮގްރާމަކީ އަލިފާން ނިއްވުމަށް ބޭނުންކުރާ "އަސެންވެއަރ" ބްރޭންޑްގެ އުފެއްދުންތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަށްފަހުގައި ސްޓާލިއަން ފަޔަރ ސޭފްޓީގެ ފަރާތުން ވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލޭ ފަޔަރ ސްޓޭޝަންގައި މަސައްކަތްކުރާ ފަޔަރ ފައިޓަރުންނަށް ވެސް އަލިފާން ނިއްވުމާގުޅޭ އާލާތްތަކަށް ދިމާވާ މައްސަލަތައް ކިޔައިދީ އެކަންކަން ހައްލުކުރާނެގޮތްތައް އޮޅުންފިލުވައިދީފައެވެ.

މި އުފެއްދުންތައް އުފައްދާ ކުންފުނީގެ މާހިރުން މަޢުލޫމާތު ދިން މި ޓްރެއިނިންގ މި ޕްރޮގްރާމްގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، އެޑްރެސަބަލް ފަޔަރ އެލާމް ސިސްޓަމް، ކޮންވެންޝަނަލް ފަޔަރ އެލާމް ސިސްޓަމް، ގޭސް ފަޔަރ ސަޕްރެޝަން ސިސްޓަމް، އެސްޕިރޭޓިންގ ފަޔަރ އެލާމް ސިސްޓަމް، ޕަބްލިކް އެޑްރެސް އެންޑް ވޮއިސް އެލާމް ސިސްޓަމްސް، އިންސްޓޮލޭޝަން ފޮރ ފަޔަރ އެލާމް އެންޑް ސަޕްރެޝަން، އާފްޓަރ ސޭލްސް އިޝުސް، ސިސްޓަމް ފީޗަރސް އެންޑް އިންސްޓޮލޭޝަން ޓެކްނިކްސް އަދި ޕެނަލް ކޮންފިގަރޭޝަންސް ހިމެނެއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ ޒުހުރީގެ އިތުރުން ސްޓާލިއަން ފަޔަރ ސޭފްޓީގެ ފަރާތުން މުޙައްމަދު ސާމީ އާދަމްއާއި މި ޕްރޮގްރާމްގައި މައުލޫމާތު ފޯރުކޮށްދެއްވި މުދައްރިބުން ބައިވެރިވެލެއްވިއެެވެ.