ޕީއެސްއެމް އިން ކުރިއަށް ގެންދިޔަ "ދިވެހިން ފަލަސްތީނާއެކު" ޓެލެތޯނުން ލިބުނު ފައިސާ އދ ގެ ފަލަސްތީނާ ބެހޭ އޭގެންސީ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް، އަންރުއާގެ އެކައުންޓަށް ދިވެހި ސަރުކާރުން ޖަމާކޮށްދީފިއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ޕީއެސްއެމްއިން މި ޓެލެތޯނު ކުރިއަށް ގެންގޮސްފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. މި ޓެލެތޯނުގައި މުޅި ޖުމްލަ 19،309،468.0.2 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ދިވެހި ޚާރިޖިއްޔާއިން ވިދާޅުވީ ޓެލެތޯނުން ލިބުނު އެ ހުރިހާ ފައިސާއެއް ޖަމާކޮށްފައިވަނީ މާލީ ވުޒާރާއާއި، މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް، ސީދާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ)ގެ އެކައުންޓަށް ކަމަށެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 13 ފަންޑު ފޮށި ބަހައްޓައިގެން ކުރިއަށް ގެންދިޔަ މި ޓެލެތޯނަށް އާއްމުންގެ ތެރެއިން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މީގެއިތުރުން، ރާއްޖޭގެ ބޮޑެތި ކުންފުނިން ތަކުން ވެސް ވަނީ މި ޓެލެތޯނުގައި ވަރަށް ބޮޑު ދައުރެއް އަދާ ކޮށްފައެވެ. މިގޮތުން އެމްއެންޑީއެފް ފަރާތުން ވަނީ މި ޓެލެތޯނަށް ދެ މިލިޔަން ރުފިޔާ ހަދިޔާ ކޮށްފައެވެ. ހަަމައެހެންމެ، ސްޓެލްކޯއިން މި ޓެލެތޯނަށް ބައި ލައްކަ ރުފިޔާ ހަވާލު ކޮށްފައިވާއިރު، އާރުޑީސީއިން ވަނީ މި ޓެލެތޯނަށް ދެ ލައްކައެއްހާ ރުފުޔިާ ހަދިޔާ ކޮށްފައެވެ.