ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާ ކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ, ޢުމުރުން 32 އަހަރުގެ އަރްފަތު ޙުސައިނެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އަރަފާތު ހުސައިން، އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާ އިޢުލާނު ކޮށްފައި ވަނިކޮށް އިމިގްރޭޝަން އިންޓެލިޖަންސަށް ލިބުނު މައުލޫމާތާ ގުޅިގެން، އިމިގްރޭޝަނުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު އެ ބިދޭސީ ފަރާތް ހޯދައި އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެމީހާގެ މައްޗަށް މަގުމަތީގައި އުޅޭ ބުޅާތައް ހިފާކަމުގެ ތުހުމަތުކޮށް އެކަމުގެ ކަންބޮޑުވުން މީސް މީޑިއާގައި އާންމު ގިނަ ފަރާތްތަކުންވެސް ހިއްސާކޮށްފައިވެއެވެ. އަދި އެމައްސަލަ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، އެކަން ބަލަން ފެށީ އިއްޔެއެވެ.

މިމައްސަލަ ފެންމަތިވުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުންވެސް ކޮށްފައިވެއެވެ. އެގޮތުން މައްސަލަ ބެލުމަށް އޭނާ ދިރިއުޅޭ ތަނަށް އިމިގްރޭޝަނުން ދިޔައިރު އެތަނުން އޭނާ ފެނިފައި ނުވާތީ، އޭނާގެ ވަނަވަރު އާންމުކޮށް 5 ދުވަހުގެ ތެރޭގައި އޭނާ އިމިގްރޭޝަނަށް ހާޒިރުވުމަށް ޢާންމުކޮށް އިއުލާންކުރިއެވެ.