ކުއްލި ހާލަތުގައި ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމައްޓަކައި ގައުމީ ހެލްޕް ލައިނެއް ގާއިމު ކުރަން ނިންމައިފިއެވެ.

ކުއްލި ހާލަތް ތަކުގެ ރައްޔިތުންނަށް ލުއިފަސޭހަކޮށް އެއް ނަންބަރަކުން ހިދުމަތް ދެވޭނެ ގޮތް ހަމަޖެއްސުމަށް މިއަދު ކަމާ ބެހޭފަރާތަތަކުން ގުޅިގެން ބޭއްވި މަޝްވަރާގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އަދި ސިފައިންގެ އިސްވެރިންގެ އިތުރުން ފުލުހުންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

ރައްޔިތުންނަށް ދިމާވާ އިމަރޖެންސީ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމްކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލަށް ހުށަހެޅުއްވީ މިނިސްޓްރީ އޮފް ހެލްތުންނެވެ.

މި ހެލްޕް ލައިން ގާއިމްކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.