ރާއްޖޭގެ ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ)ގެ ހިދުމަތް މިހާރަށް ވުރެ ވަރުގަދަ ކުރަން ޖަޕާނު ސަރުކާރުން 3.7 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ނިންމައިފި އެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)އާއި ގުޅިގެން ޖަޕާނު ސަރުކާރުން މިއަދު ވަނީ ރާއްޖޭގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ ހިދުމަތް ވަރުގަދަ ކުރުމުގެ ގޮތުން 3.7 މިލިއަން ޑޮލަރުގެ (57 މިލިއަން ރުފިޔާ) އެހީއެއް ދިނުމަށް އެއްބަސްވެފަ އެވެ.

ޖަޕާނުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައި އެވެ. ޔޫއެންއޯޑީސީގެ ފަރާތުން ސޮއި ކުރެއްވީ ކްރައިމް ޕްރިވެންޝަން އެންޑް ކްރައިމް ޖަސްޓިސް އޮފިސާ މަސަމޯޓޯ ޔަމަގޫޗީ އެވެ. އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ އެހީ ޖަޕާނުން ފޯރުކޮށްދޭނީ ތިން އަހަރަށް ބަހާލެވިގެން ކުރެވޭ މަސައްކަތްތަކަކަށް ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވި އެވެ.

އެ މިނިސްޓްރީން ވިދާޅުވީ ފުރަތަމަ އަހަރު އެހީ ފޯރުކޮށްދޭނީ، އެމްއާރްސީސީގެ އާ އިމާރާތުގެ ހަތަރު ފަންގިފިލާ އެޅުމަށް ކަމަށާއި އޭގެ ތެރޭގައި ޓްރެއިނިން ފެސިލިޓީތަކާއި ލައިބްރަރީއެއް ހިމެނޭ ކަމަށެވެ.

ދެވަނަ އަހަރާއި ތިން ވަނަ އަހަރު ފައިސާ ހަރަދު ކުރަން ނިންމާފައި ވަނީ ސާޗް އެންޑް ރެސްކިއު މެރިޓައިމް ލޯ އެންފޯސްމެންޓް ޓްރެއިނިން ޕްރޮގްރާމުތަކަށް ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެ އެވެ.