އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބުތަކަށް ކެރީގެ އަސަރު ފޯރާ، ބައެއް ރަށްތަކަށް ގުގުރާނެކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް މޫސުން ގޯސްވިޔަސް، ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ.

މެޓުން ބުނީ މެދުރާއްޖެތެރޭގެ ރަށްތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުންޏެވެ.

އަދި ދެކުނުގެ ސަރަހައްދުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދު ކަމަށާއި އުތުރާއި މެދުރާއްޖެތެރޭ ހިސާބުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.