ފާއިޔުވެދިޔަ 30 އަހަރު ރާއްޖޭގެ ސްކޫލް ތަކުގައި ބޭނުން ކުރަމުންދިޔަ ފިޝަރީޒް ސައިންސް ފޮތްތައް ލިޔުއްވި ތަޖުރިބާކާރު ޑރ. އަހްމަދު ރިޔާޒް ޖައުހަރީ ސިވިލް ސަރވިސް ވަޒީފާއިން ވަކިވެވަޑައިގެންފިއެވެ.

ސަރުކާރު ހިދުމަތުން ވަކިވެ ވަޑައިގެންނެވިކަން ޑރ.ޖައުހަރީ ހާމަކުރެއްވީ މިއަދު ވަރަށް ހެނދުނާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ. މަގާމުން ވަކިވެވަޑައިގެންނެވިއިރު، ޑރ.ޖައުހަރީ ހުންނެވީ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.

ސަރުކާރުގައި 33 އަހަރު ޑރ.ޖައުހަރީ ހިދުމަތް ކުރެއްވިއިރު، 17 އަހަރު ހޭދަކުރެއްވީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރ (އެމްއޯއީ) ގައެވެ. އޭގެ ފަހުން ފާއިތުވެދިޔަ 16 އަހަރު ޑރ.ޖައުހަރީ ހިދުމަތް ކުރެއްވީ ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މެރީން ރިސަރޗް އިންސްޓިޓިއުޓް (ކުރީގެ މެރީން ރިސަރޗް ސެންޓަރ) ގައެވެ.

ޑރ.ޖައުހަރީއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އަގުނުކުރެވޭފަދަ ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މަސްވެރިކަމުގެ ދާއިރާގެ ތެރެއިންވެސް އެންދިރުވައި އާލައި ކުރުމުގެ ދިރާސާތައް ކުރެއްވުމުގައި ޑރ.ޖައުހަރީއަކީ ތަޖުރިބާ ބޮޑު ބޭފުޅެކެވެ. މީގެ އިތުރުން ސްކޫލްތަކުގެ ކުދިންނަށް ފިޝަރީޒް ސައިންސް ފިލާވަޅުތައް ނަގައިދިނުމަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް ގިނަ ދަތުރުތަކެއް ޑރ.ޖައުހަރީ ކޮންމެ އަހަރަކުވެސް ކުރައްވައެވެ.