ޕްރޮފެޝަނަލް ފުޓްބޯލަރސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި އިނގިރޭސި ވިލާތުގައި މިދިޔަ ސީޒަނުގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މެންޗެސްޓަރ ސިޓީގެ އެޓޭކިންގ މިޑްފީލްޑަރު ފިލް ފޯޑެން ހޮވައިފިއެވެ.

ފޯޑެން މިއެވޯޑް ހާސިލް ކުރީ އެކުގައި މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ސްޕެއިނުގެ ރޮޑްރީ އާއި ނޯވޭގެ ފޯވާޑް އާލިންގ ހާލަންޑް ފަހަތަށް ޖައްސާލުމަށްފަހުއެވެ. ފޯޑެން ވަނީ މިދިޔަ ސީޒަނުގައި ސިޓީއަށް 27 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި 12 ލަނޑު ޖަހަން އޭނާ އެހީތެރިވެދިނެވެ.

ޕީއެފްއޭއިން ހޮވި ޒުވާން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ޗެލްސީގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ކޯލް ޕާމާއަށެވެ. އޭނާއަކީ އެންމެފަހުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ސިޓީއިން ޗެލްސީއަށް ވިއްކާލި ކުޅުންތެރިއެކެވެ.