20 އަހަރަށް ފަހު ޣައްޒާގައި ފުރަތަމަ ފަހަރަށް ޕޯލިއޯގެ ކޭސްއެއް ފެނިފައިވާކަން ކަށަވަރުވެ، އާންމު ސިއްހަތުގެ ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ބިރު އުފެދިއްޖެއެވެ.

10 މަސްދުވަހުގެ ކުއްޖެއްގެ ކިބައިން މި ވައިރަސް ފެނިފައިވާކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އަދި އެހެން އެތައް ކުދިންނެއްގެ ކިބައިން މި ބަލީގެ އަލާމާތްތައް ފެންނަމުންދާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ވައިރަސްއަކީ ޓައިޕް 2 ވެކްސިން-ޑިރައިވްޑް ވައިރަސްއެއް ކަމަށާއި، މިދިޔަ މަހު ނަރުދަމާ ނިޒާމުން ނެގުނު ސާމްޕަލްތަކުން މި ވައިރަސް ފެނިފައިވާކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ވިދާޅުވެފައިވެއެވެ. މި މައްސަލަ އިތުރަށް ގޯސްވެފައިވަނީ ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ފެނާއި ނަރުދަމާ ނިޒާމަށް ލިބިފައިވާ ގެއްލުމުގެ ސަބަބުންނެވެ.

640،000 އަށްވުރެ ގިނަ ކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފެށުމަށްޓަކައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އދ އިން ގޮވާލާފައިވެއެވެ. އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެފައިވަނީ މި ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެންމެ މުހިންމު ހައްލަކީ ސުލްހައެވެ. ހަނގުރާމަ ފެށުމުގެ ކުރިން ޣައްޒާގައި ޕޯލިއޯ ވެކްސިން ދެވިފައިވާ މިންވަރަކީ %99 އެވެ. ނަމަވެސް މިހާރު އެ މިންވަރު ވަނީ %86 އަށް ދަށްވެފައެވެ.

ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ގެދޮރު ދޫކޮށް ނުސާފު ތަންތަނުގައި ދިރިއުޅެމުންދާތީ، ޣައްޒާގެ ސަރަޙައްދުން ބޭރަށް ބަލި ފެތުރިދާނެކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދެއްވައިފިއެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަންއިން ވެކްސިން ޖެހުމުގެ ދެ ބުރެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާއިރު، ދެމިގެންދާ ހަނގުރާމައިގެ ސަބަބުން ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.