ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާ ބޭނުންކުރާ މީހުންނަށް އުރީދޫގެ 5ޖީ ހިދުމަތް ދޭން ފަށައިފި އެވެ.

އުރީދޫ މޯލްޑިވްސްގެ 5ޖީ ނެޓްވޯކް އާއެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ހިދުމަތް މި ފަހުން ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތައް، ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމެނޭ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫއިން މިއަދު ބުނީ ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާ ގެންގުޅޭ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް މާލޭގެ ގިނަ ސަރަހައްދުތަކެއްގައި މިހާރު 5ޖީގެ ލިބޭނެ ކަމަށެވެ.

5ޖީ ޓެކްނޮލޮޖީ އާއި އެކު އިންޓަނެޓުގެ ސްޕީޑު އިތުރުވުމުގެ އިތުރުން އިންޓަނެޓާއި ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް އެތައްގުނައަކަށް ކުޑަވެގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.

ފޯނަށް 5ޖީގެ ސްޕީޑްގެ އިންޓަނެޓް ލިބުމާއެކު، މެދުކެނޑުމެއްނެތި އިންޓަނެޓްގެ ހިދުމަތް ތަޖުރިބާކުރެވޭނެ ކަމަށާއި، އޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބި، ފިލްމް އަދި ސީރީޒް ޑައުންލޯކޮށްލަން ވިޔަސް ނުވަތަ ސްޓްރީމް ކޮށްލަންވިޔަސް މާ ގިނަވަގުތު ނުނަގާނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.