ދިވެހިރާއްޖޭގެ ސިއްހަތާއިބެހޭ ވުޒާރާއިން އެމްޕޮކްސް ނުވަތަ މަކުނު ވިދުރި ބައްޔާއި ޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެ ވުޒާރާގައި ބާއްވައިފިއެވެ.
އެ ވުޒާރާގައި ޕަބްލިކް ހެލްތު ޔުނިޓާ ގުޅިގެން މިއަދު ހެނދު ބޭއްވި މި ބައްދަލުވުމުގައި މިވުޒާރާގެ އަތޮޅުތައް ވިލަރެސް ކުރައްވާ ވިލަރެސްވެރިން ބައިވެރިވެލެއްވިއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޕޮކްސް ނުވަތަ މަކުނު ވިދުރިއާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އޮފް ހެލްތު ސަރވިސަސް ޑޮކްޓަރ އަޙްމަދު އަޝްރަފާއި ، ޑެޕިޔުޓީ ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު އިބްރާހީމް ނިޝާން އަޙްމަދެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މި ބަލި ފެތުރެމުންދިއުމާއި ގުޅިގެން ވޯލްޑް ހެލްތު އޯގައިޒޭޝަނުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި ބަލި ފެތުރެދާނެ ކަމަށް ލަފާކޮށް، އެމްޕޮކްސް އަކީ ދުނިޔޭގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭގެންސީއިން ވިދާޅުވީ މިހާރު ރާއްޖެއިން ދަނީ މި ބައްޔަށް ތައްޔާރު ވަމުން ކަމަށެވެ. މިގޮތުން ރާއްޖޭގައި މި ބަލި ކޮންޓްރޯލްކޮށް ޓެސްޓު ކުރެވޭނެ އިންތިޒާމުތަށް ދަނީ ހަމަޖައްސަމުންނެވެ.