ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއެރުމާއި ގުޅޭ ގޮތުން މިއަދު މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ޗައިނާގެ ސްމާޓް ލާރނިންގ އިންސްޓިޓިއުޓްގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ސްމާޓް ލާރނިންގ އިންސްޓިޓިއުޓްގައި ބޭއްވުނު މި ބައްދަލުވުމަކީ ދިވެހިރާއްޖޭގައި 'ސްމާޓް ލާރނިންގ" ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށް ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެވެ.

މި ބައްދަލުވުމުގައި، މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއާއި އެކަމަނާގެ ޕީއޭ، ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ސްމާޓް ލާރނިންގ އިންސްޓިއުޓްގެ ވައިސް ޑީން އަދި ކުރީގެ ކޮމަންވެލްތް ޕްރެޒިޑެންޓްގެ އިތުރުން ޕްރޮފެސަރ އަޝާ ސ. ކަންވަރް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.