ދައުލަތުގެ ޑޮލަރު ރިޒާވް ހުސްވެއްޖެ ކަމަށް ބުނެ "އަދަދު" ނޫހުން ފަތުރަމުން ދަނީ ދޮގު ހަބަރެއްކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީއިން (އެމްއެމްއޭ)އިން ކަށަވަރު ކޮށްދީފިއެވެ.

އެމްއެމްއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދައުލަތުގެ ޑޮލަރު ރިޒާވްއާ ބެހޭ ގޮތުން 'އަދަދު' ނޫހުގައި "ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ!" މި ސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ހިމެނޭ ޚަބަރެއް ކަމުގައެވެ.

"އަދަދު" ނޫހުން ބުނެފައިވަނީ މި މަހުގެ ތެރޭގައި ދައުލަތުގެ ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ހުސްވެދާނެ ކަމުގެ އިންޒާރު އެމްއެމްއޭ އިން ދީފައި ވަނިކޮށް، ބޭނުން ކުރެވޭ ޑޮލަރު ރިޒާވު މިއަދު އެއްކޮށް ހުސްވެއްޖެ ކަމަށެވެ. އަދި މިއީ ދިވެހި ތާރީހުގައި ވެސް ދައުލަތުގެ ބޭނުންކުރެވޭ ޑޮލަރު ރިޒާވު މައިނަހަށް ވެއްޓުނު ފުރަތަމަ ފަހަރު ކަމަށް ވެސް އެނޫޙުން ބުނެފައިވެއެވެ.

އެމްއެމްއޭއިން ވަނީ ރިޒާވްގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް އެއިދާރާއިން ދާނީ މަހުންމަހުން ބަރާބަރަށް ޝާއިއު ކުރަމުންކަމަށާއި، ރާއްޖޭގެ ބޭނުންކުރެވޭ ޑޮލަރު ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން މިފަދަ ކަންތައްތަކާއި ގުޅޭ ޚަބަރުތައް ހަގީގަތާއި ޚިލާފަށް ގެނެސްދިނުމަކީ އެއިދާރާއިން ނުހަނު ކަންބޮޑުވާކަމެއްކަމުގަ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.