އިއްޔެ ވ. އަންބަރާ ކައިރިން ޑިންގީގައި އޮޔާ ދަނިކޮށް ފެނުނު މީހާއާއި ވ. އަތޮޅު ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ލަންކާއަށް ނިސްބަތްވާ މަސްވެރިން ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
ފުލުހުން ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ ދެ މީހުންނަކީ ޖެނުއަރީ 30ގައި ލަންކާއިން މަސްވެރިކަމަށް ފުރި ދެ މީހުން ކަމަށެވެ. އަދި އެ ދެ މީހުން ރާއްޖެއާ ހިސާބަށް އައީ ބެހިގެން ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.
އެ ދެ މީހުންނަކީ އެއްކޮށް އުޅުނު ދެ މީހުންކަން އެނގިފައިވާއިރު، މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން ޝައްކު ކުރެވޭ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
އެހެންނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް ހަށިގަނޑު މާލެ ގެންނަން ނިންމިކަން ފުލުހުން އިއްޔެ ވަނީ ހާމަކުރައްވާފަ އެވެ.
ފުލުހުން ވިދާޅުވީ އެކަމާ ގުޅިގެން އިތުރަށް ސާފު ކުރަން ޖެހޭ މައުލޫމާތު ރަސްމީ އިދާރާތަކުން ސާފު ކުރަމުންދާ ކަމަށެވެ.