ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޤާބިލުކަން އިތުރުކުރުމާއި، އެކިއެކި ކާރިޘާތަކަށް ތައްޔާރުވުމުގެ ގޮތުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެން ފަހުމީ އަދި އެންޑީއެމްއޭގެ ފަރާތުން ސޮއި ކުރެއްވީ އެންޑީއެމްއޭގެ ޗީފް އެކްޒެކިއުޓިވް ހިސާން ހަސަންއެވެ.

ސްޓެލްކޯއިން ވިދާޅުވި ގޮތުގައި މި ފަހުމުނާމާގެ މަޤްސަދަކީ ކާރިސާތަކަށް އިޖާބަދިނުމުގައި ސްޓެލްކޯގެ މުވައްޒަފުންގެ ދައުރު ފުޅާކޮށް، ސްޓެލްކޯގެ މުވައްޒަފުންނަކީ ކާރިސާތަކަށް ވިލުންތެރި ބަޔަކަށް ހެދުމަށާއި އަރައްކާތަކާއި ގުޅިގެން އަމަލުކުރާނެ ގޮތާއި އެކިއެކި ކާރިސާތަކާއި ގުޅިގެން ކުންފުނީގައި ބޭނުންކުރާނެ ކްރައިސިސް މެނޭޖްމަންޓް ފްރޭމްވަރކްއެއް އެކުލަވާލުމެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން، ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ޔަޤީންކުރުމަށް އަމާޒުކޮށް، ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ހަރުދަނާ އަދި ފުރިހަމަ ގޮތެއްގައި ކަންކަން މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.