އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯގެ މަޤާމަށް، ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ ޢައްޔަނުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިންސުރެ މިއަދާ ހަމައަށް އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަޤާމު އަދާކުރައްވަމުން ގެންދެވީ ޢަބްދުﷲ ޒިޔާދެވެ. އެހެންނަމަވެސް، މިއަދު ވަނީ ޒިޔާދު ތިމާވެއްޓާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް އައްޔަންކުރައްވާ، އެމްޓީސީސީގެ ސީއީއޯގެ މަޤާމުން ވަކިކުރައްވާފައެވެ. އަދި މިއާ ގުޅިގެން އެމްޓީސީސީގެ ސީއީއޯގެ މަޤާމަށް ސަޢުދީ ޢައްޔަނުކުރެއްވިއެވެ.

މިހާތަނަށް ސައުދީ ހުންނެވީ މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓްގެ އެންމެ އިސްވެރިޔާގެ މަޤާމުގައެވެ. ސައުދީ އެ މަޤާމަށް ޢައްޔަނުކުރެއްވީ ރައީސް މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުއެވެ.

ސަޢުދީ އޭގެ ކުރިން ވަނީ ކުރު މުއްދަތަކަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުވެސް އަދާކުރައްވާފައެވެ. އަދި އޭގެ ފަހުން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުވެސް އަދާ ކުރެއްވިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދައުލަތުގެ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފައިވެއެވެ. އެމްޓީސީސީ، އައިލެންޑް އެވިއޭޝަން، އަދި ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުތަކަށެވެ. ޕީސީބީ އިން މި ބަދަލުތައް ގެނައުމަށްފަހު، އެކަން ވަނީ ރަސްމީކޮށް އިއުލާނުކުރައްވާފައެވެ.