ކ. ތިލަފުށީގައި ހުންނަ މެރީންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 08:36 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށަވެ.

އަދި، ތިލަފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވެސް ވަނީ ތިލަފުއްޓަށް ގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މީގެއިތުރުން އެމްއެންޑީއެފުން ބުނީ މި ވޯކްޝޮޕުގައި ރޯވި އަލިފާން އިތުރަށް ފެތުރިގެން ނުދާވަރަށް، އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުންނަށް ކޮންޓްރޯލްކުރެވުނީ މިއަދު 09:46 ހާއިރު ކަމަށާއި އަދި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 11:04 ހާއިރުކަމަށެވެ.

މި ހާދިސާގައި މެރީންޑޯ ވޯކްޝޮޕާ އިންވެގެންހުރި ގުދަންތަކަށް އަލިފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެކަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު، މިހާރު ދޫކޮށްލާފައިވާކަމުގެ ރިޕޯޓް ވަނީ ލިބިފައެވެ.