އޮންލައިން ޓެރަރިޒަމް ހުއްޓުވުމާ ބެހޭ އްޖެ22 އޯގަސްޓް ދިވެހި ފުލުހުންގެ ހިދުމަތުގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، އޯގަސްޓް 21 އަދި 22 ގައި ނިއު ދިއްލީގައި ބޭއްވުނު "ކޮމްބެޓިންގ ޓެރަރިސްޓް ކޮންޓެންޓް އޮންލައިން، އީޔޫ-އިންޑިޔާ ރީޖަނަލް ޓްރެކް 1.5 ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގެންފިއެވެ.
ފުލުހުން ބުނީ މި ކޮންފަރެންސަކީ ޔޫރަޕިއަން ޔޫނިއަނުން ގްލޯބަލް ކައުންޓަރ-ޓެރަރިޒަމް ކައުންސިލް (ޖީސީޓީސީ) އާއި އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް ގުޅިގެން އިންތިޒާމުކުރި ކޮންފަރެންސެއް ކަމަށެވެ.
އަދި މި ކޮންފަރެންސްގައި ދެކުނު އޭޝިޔާ އަދި ޔޫރަޕްގެ މުހިންމު ފަރާތްތައް އެއްތަނަކަށް ޖަމާވެ، އޮންލައިން ހަރުކަށި ފިކުރުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާކުރެވުނު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ދެ ދުވަހަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިސްޓުން އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކުރިމަތިކުރުވާ ނުރައްކާތަކަށެވެ. މި ކޮންފަރެންސްގައި އިންޑިޔާ، ބަންގްލަދޭޝް، ދިވެހިރާއްޖެ، ސްރީލަންކާ އަދި ޔޫރަޕްގެ މާހިރުންނާއި، ހަރުކަށި ފިކުރާ ދެކޮޅަށް ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އެކަޑަމިކް ދާއިރާގެ ބޭފުޅުންނާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެ، ޑިޖިޓަލް ހަރުކަށި ފިކުރާ ދެކޮޅަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ކޮންފަރެންސްގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރ ނަވީން ދެއްކެވި ވާހަކަފުޅުގައި، ޓެކްނޮލޮޖީއާއި ޓެރަރިޒަމް ގުޅި ލާމެހުމުގެ ސަބަބުން ދިމާވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސަރަހައްދީ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް، ހާއްސަކޮށް ޑިޖިޓަލް ދާއިރާގައި އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަގުވާމީ ބައިވެރިންނާއެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތު ފާހަގަކުރެއްވި ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ކޮންފަރެންސަކީ ޔޫރަޕިއަން ޔޫނިއަންގެ އިންޑޯ-ޕެސިފިކް ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ ޓެރަރިޒަމާ ދެކޮޅު މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. މި ސްޓްރެޓެޖީގެ މަގުސަދަކީ އާންމު ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމެވެ. މި ކޮންފަރެންސްގައި ބައިވެރިން މަޝްވަރާކުރެއްވީ އޮންލައިންކޮށް ހިންގާ އަނިޔާވެރި ހަރުކަށި ހަރަކާތްތަކާ ދެކޮޅަށް މަސައްކަތްކުރާނެ ގޮތްތަކާއި، ޔޫރަޕިއަން ޔޫނިއަނާއި، އިންޑިޔާ އަދި މުޅި ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތަކާ ދެމެދު އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންނެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކި ލެވެލްތަކުގައި ދަނީ ހަރުދަނާ މަސައްކަތްތަކެއް ކުރެވެމުންނެވެ.