ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ 65 މެމްބަރުންގެ އަޣްލަބިއްޔަތުން މިރޭ ފާސްކޮށްފި އެވެ.

ރައްޔިތުން މަޖިލީހުގައި ޝަމީމް ވަކިކުރަން ވޯޓް ނެގީ، މިރޭ ޝަމީމް އަމިއްލަފުލަށް އިސްތިއުފާ ދެއްވާނެކަމަށް ބެލެވިފައި ވީނަމަވެސް، އިސްތިއުފާ ނުދެއްވުމުންނެވެ. މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، މަޖިލީހުގެ ވޯޓާ ހަމައަށް ދިޔައިރުވެސް ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާ ދެއްވައި ރައީސް އޮފީހަށް އަދި މަޖިލީހަށް ވެސް އިސްތިއުފާގެ ސިޓީ ލިބިފައި ނެތް ކަމަށެވެ.

ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން 65 މެމްބަރުން ވޯޓް ދެއްވިއިރު، ވަކިކުރަން ނުފެންނަ ކަމަށް 9 މެންބަރަކު ވޯޓު ދެއްވިއެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.

ޕީޖީ ކަމުގެ މަގާމުން ޝަމީމް މިރޭ ވަކިކުރައްވާނެކަން ޔަގީންވުމުން ޕީޖީގެ މުވައްޒަފުން ރަތްދޫލައިގެ އަލްވަދާއުއެއް ޝަމީމަށް ކިޔާ ކިޔައިފައެވެ. ރަތްދޫލައިގެ އަލްވަދާއުގެ ފޮޓޯތައް ސޯޝިއަލް މީޑިޔާގައި ވަނީ ވައިރަލްވެފައެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމު އެއްވެސް ހާލަތެއްގައި ހުސްވެއްޖެނަމަ، މަގާމު ހުސްވާތާ އެންމެ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެމަގާމަށް ބޭފުޅަކު އައްޔަން ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.