ލިޔުއްވީ: އައްޝައިޚް ޢަބްދުﷲ ޙާމިދު
ސުވަރުގެއަކީ ތަޤްވާވެރިންނަށް އެތަނުގައި އެތައް ބައިވަރު ނިޢުމަތްތަކެއް ލައްވާފައި ނިޢުމަތުގެ ގޮވައްޗެކެވެ.
ދުވަހަކުވެސް ލޮލަކަށް ފެނިފައި ނުވާ، ކަންފަތަކަށް އަޑު އިވިފައި ނުވާ އަދި އިންސާނެއްގެ ހިތަށްވެސްނާރާފަދަ މަތިވެރި ނިޢުމަތްތައް، އެތާނގައި ﷲ ތަޢާލާ ވަނީ ޞާލިޙު އަޅުތަކުންނަށްޓަކައި ތައްޔާރުކުރައްވާފައެވެ.
ރަނާއި ރިހީގެ ގާތަކުން ބިނާ ކުރެވިފައިވާ ބިނާތަކާއި ކިރާއި މާމުޔާއި ރަލުގެ ކޯރުތަކެވެ. ތަފާތު މީރު މޭވާތަކުން ފުރިފައިވާ ގަސްތަކުން އެތަންވަނީ ޒީނަތްތެރިކުރެއްވިގެންނެވެ. ހިތްއެދޭ ހުރިހާކަމެއް އެތާގައިވެއެވެ. އީމާންވެ ހެޔޮ ޢަމަލުކުރި މީސްތަކުންނަށް އޯގަވަންތަ އިލާހު ތައްޔާރުކޮށްދެއްވާފައިވާ މެހެމާންދާރީއެވެ.
މިފަހަރު މިކިޔައިދެނީ އެ ސުވަރުގޭގައިވާ އެންމެ ގަހެއްގެ ވާހަކައެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
”إِنَّ فِي الْجَنَّةِ شَجَرَةً يَسِيرُ الرَّاكِبُ الْجَوَادَ الْمُضَمَّرَ السَّرِيعَ مِائَةَ عَامٍ، مَا يَقْطَعُهَا” (متفق عليه)
މާނައީ: “ހަމަކަށަވަރުން ސުވަރުގޭގައި ގަހެއްވެއެވެ. ބަނޑު ހިނދި, ހަލުވި އަހަކަށް ސަވާރުވެގެން އަސްވާރަކު, އެ ގަސްދަށުގައި ސަތޭކަ އަހަރު ދުއްވިކަމުގައިވިޔަސް އޭނާއަށް އެ ގަހުގެ ހިޔަލުން ނުނިކުމެވޭ ހުއްޓެވެ.”
ނިކަން ވިސްނާލާށެވެ! އެންމެ ހަލުވި އަހެއްގައި ސަތޭކަ އަހަރު ދުއްވާއިރު އެ ގަހުގެ ހިޔަލުން ނުނިކުމެވޭނީ ކިހާ ބޮޑުވީމާ ހެއްޔެވެ؟ އެއީ އަދި އެންމެ ގަހެއްގެ ވާހަކައެވެ. ސުވަރުގެއަކީ ފެހިކަންގަދަ ގަސްތަކުން ފުރިފައިވާ ބަގީޗާތަކެކެވެ. އެހެންވީމާ ސުވަރުގެ ކިހާ ބޮޑުވާނެ ހެއްޔެވެ؟ އެ ސުވަރުގޭގެ ފުޅާމިނުގައި އެކަނިވެސް އުޑުތަކާއި ބިމުގެ ތަނަވަސްކަން ހުންނާނެ ކަމަށް މާތް ﷲ ވަނީ ބަޔާންކޮށްދެއްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.
{ ۞ وَسَارِعُوۤا۟ إِلَىٰ مَغۡفِرَةࣲ مِّن رَّبِّكُمۡ وَجَنَّةٍ عَرۡضُهَا ٱلسَّمَـٰوَ ٰتُ وَٱلۡأَرۡضُ أُعِدَّتۡ لِلۡمُتَّقِینَ } [سُورَةُ آلِ عِمۡرَانَ: ١٣٣]
މާނައީ:”އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާވެރިންނަށެވެ.”
އެ ތަނަވަސް ސުވަރުގެ ލިބޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ!
ނޯޓް: ލިޔުމުގެ އަސްލު ނެގިފައި ވަނީ އިލްމް.އެމްވީ އިންނެވެ.