ނޭޕާލުގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުން ރާއްޖޭގެ ޒުވާން ގައުމީ ޓީމު މިއަދު ކަޓައިފިއެވެ.
ރާއްޖޭގެ ވިިހި އަހަރުން ދަށުގެ ގައުމީ ޓީމު ގްރޫޕް ސްޓޭޖުން ކެޓީ މިއަދު މެންދުރުފަހު އިންޑިޔާއާ ދެކޮޅަށް ކުޅެ 1-0 އިން ބަލިވުމުންނެވެ. ފުރަތަމަ މެޗުގައި ރާއްޖެ ވަނީ 2-1 އިން ބޫޓާނު އަތުންވެސް ބަލިވެފައެވެ.
މިއަދު ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އިންޑިޔާއިން މޮޅުވި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ އިންޑިޔާގައި މިވަގުތު ހުރި އެންމެ އުއްމީދީ އެއްމީޑްފީލްޑަރުގެ ގޮތުގައި އެގައުމުގެ މީޑިޔާތަކުން ސިފަ ކުރަމުން އަންނަ މެންގްލެންތަންގ ކިޕްގެންއެވެ. އޭނާ މިލަނޑު ޖެހީ ރާއްޖޭގެ ސެންސާކަލްގެވެސް ބޭރުން ތިރިތިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ރާއްޖެ ހިމެނޭ ގްރޫޕް "ބީ" އިން ސެމީފައިނަލުން ޖާގަ ލިބުނީ އިންޑިޔާ އާއި ބޫޓާނަށެވެ. އިންޑިޔާ ސެމީފައިނަލުން ޖާގަ ހޯދީ ބޫޓާނުވެސް ބަލިކޮށް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
ގްރޫޕް "އޭ" އިން ސެމީފައިިނަލުން ޖާގަ ހޯދީ ބަންގްލަދޭޝް އާއި ނޭޕާލެވެ. މިގްރޫޕުގައި ދެން ހިމެނުނީ އަވައްޓެރި ސްރީލަންކާއެވެ. ސްރީލަންކާ ފުރަތަމަ މެޗުގައި ނޭޕާލް އަތުން 1-0 އިން ބަލިވިއިރު، ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވީ 2-0 އިންނެވެ. މިފަހަރުގެ މުބާރާތުގައި ޕާކިސްތާނު ވާދަކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ ވިހި އަހަރުން ދަށުގެ ގައުމީ ޓީމު ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުން ކަޓާފައިވާއިރު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މިމުބާރާތަށް ޒުވާން ކުޅުންތެރިން ދިޔައީ ފާއިތުވެދިޔަ އަހަރެއްހައި ދުވަހުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުއްޓިފައި އޮތުމުގެ ސަބަބުން ކްލަބް ލެވެލްގައި ވާދަވެރި މެޗެއް ކުޅެލުމުގެ އެކުޅުންތެރިންނަށް ނުލިބިއެވެ.