ހަކުރުބައްޔަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރަށް އަސަރުކުރާ ބައްޔެއްގެ ގޮތުގައި އެނގިފައިވާއިރު، މި ބަލިން ކުޑަކަމުދާ ނިޒާމަށްވެސް ބޮޑެތި އަސަރުތަކެއް ކުރެއެވެ.

ހަކުރުބައްޔާއި ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކާ ހުރި ގުޅުން، ނުވަތަ 'ނިއުރޮޖެނިކް ބްލެޑަރ' އާއި ހަކުރުބަލިން ހަށިގަނޑުގެ ނާރުތަކުގެ ނިޒާމަށް ކުރާ އަސަރާ ވަރަށް ގާތް ގުޅުމެއް އޮވެއެވެ. ލޭގައި ހަކުރުގެ މިންވަރު މަތިވުމުގެ ސަބަބުން ކުޑަކަމުދާ ގުނަވަން ކޮންޓްރޯލްކުރާ ނާރުތަކަށް ގެއްލުން ލިބި، އެކި ބާވަތުގެ ކުޑަކަމުދިއުމުގެ މައްސަލަތައް ދިމާވެއެވެ.

މައިގަނޑު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ޑައިބެޓިކް ނެފްރޮޕަތީ؛ މިއީ ދިގު މުއްދަތަކަށް ހަކުރުބަލި ހުރުމުގެ ސަބަބުން ކިޑްނީއަށް ދިމާވާ މައްސަލައެކެވެ. މި މައްސަލައިގެ ސަބަބުން ކިޑްނީ ފެއިލްވުމަށް މަގުފަހިވެއެވެ. ޑައިބެޓިކް ސިސްޓޮޕަތީއަކީ އަނެއް މައްސަލައެވެ. މި ބަލީގެ ސަބަބުން ކުޑަކަމުދާ ގުނަވަނުގެ ނާރުތަކަށް އަސަރުކޮށް، ކުޑަކަމުދާން ދަތިވުމާއި، ކުޑަކަމުދާ އެއްޗެހި ނުހިފެހެއްޓިގެން ދިއުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.

މީގެ އިތުރުން، ހަކުރުބަލި ހުންނަ މީހުންނަށް ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން (ޔޫޓީއައި) ޖެހުމުގެ ފުރުސަތު ބޮޑެވެ. މިފަދަ އިންފެކްޝަންތައް އަވަސް އަވަހަށް ޖެހޭ ސަބަބަކީ ލޭގައި ހަކުރުގެ މިންވަރު މަތިވެފައި ހުރުމުން ބެކްޓީރިއާ އުފެދުމަށް ފަހި މާހައުލެއް އުފެދޭތީއެވެ.

ފިރިހެނުންގެ ކިބައިގައި، ހަކުރުބަލީގެ ސަބަބުން ނާރުތަކާއި ލޭހޮޅިތަކަށް ގެއްލުން ލިބުމުގެ ސަބަބުން އިރެކްޓައިލް ޑިސްފަންކްޝަން (އީޑީ) އަށް މަގުފަހިވެދާނެއެވެ. މީގެ އިތުރުން، ކުޑަކަމުދާ ހޮޅި ހަނިވުމުގެ ސަބަބުން ކުޑަކަމުދަން އުނދަގޫވުމާއި، ކުޑަކަމުދާ ނިޒާމުގައި ފަންގަސް އިންފެކްޝަން ޖެހުން ފަދަ އެހެނިހެން އުނދަގޫތައްވެސް ކުރިމަތިވެދާނެއެވެ.

މި އުނދަގޫތައް ބެލެހެއްޓުމަށްޓަކައި ހަރުދަނާ އުސޫލުތަކެއް ގެންގުޅެންޖެހެއެވެ. މީގެ ތެރޭގައި ގަވާއިދުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ބެލެހެއްޓުމާއި، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުން (މިސާލަކަށް ރަނގަޅު ކާނާ ކެއުމާއި ގަވާއިދުން ކަސްރަތުކުރުން) އަދި ޑޮކްޓަރަށް ދެއްކުން ހިމެނެއެވެ. އީޑީ އާއި ބްލެޑާގެ މައްސަލަތަކަށް ބޭސްފަރުވާ ކުރުންފަދަ ވަކި ހާލަތްތަކަށް ޚާއްޞަ ފަރުވާވެސް ބޭނުންވެދާނެއެވެ.

އެންމެ އެކަށީގެންވާ ފަރުވާ ދިނުމަށްޓަކައި، އެންޑޮކްރައިނޮލޮޖިސްޓުންނާއި ޔޫރޮލޮޖިސްޓުން ފަދަ ޞިއްޙީ ދާއިރާގެ ތަފާތު މާހިރުން ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

އިންޑިއާގެ ބެންގަލޫރުގައި ހުންނަ އެން.ޔޫ. ހޮސްޕިޓަލްސްއަކީ ނިއުރޯ-ޔޫރޮލޮޖީގެ ދާއިރާއިން ޚާއްޞަވެފައިވާ، މުއައްސަސާއެކެވެ. މި ހޮސްޕިޓަލުން ޒަމާނީ ފަރުވާތަކާއި، ހަކުރު ބަލީގެ ސަބަބުން ކުޑަކަމުދާ ނިޒާމަށް ދިމާވާ މައްސަލަތަކަށް ވަކި ބަލިމީހުންނަށް އަމާޒުކޮށްގެން 'ޕާސަނަލައިޒްޑް' ފަރުވާ ފޯރުކޮއްދެއެވެ. މިހެންކަމުން ބަލިމީހުންނަށް ލިބޭ ނަތީޖާ ރަނގަޅުވެ، ދިރިއުޅުމުގެ ފެންވަރު މަތިވެގެންދެއެވެ.

މައުލޫމާތު ހިއްސާކޮއްފައިވަނީ އެން.ޔޫ ހޮސްޕިޓަލްސް އިންނެވެ.