އޭނާއަކީ އަދި ޓޮޓެންހަމްގެ ލެޖެންޑެއް ނޫންކަމަށާއި ޓޮޓެންހަމްގެ ލެޖެންޑަކަށް ވެވޭނީ ކްލަބާއެކު ތައްޓެއް ކާމިޔާބު ކުރެވިގެން ކަމަށް ތަޖުރިބާކާރު ވިންގަރ އަދި ކެޕްޓަން ސޮން ހިއުންގ މިން ބުނެފިއެވެ.
ބީބީސީ ސްޕޯޓްސްއަށް ދިން ހާއްސަ ބަސްދީގަތުމެއްގައި ސޮން ބުނީ އޭނާގެ ނަން ޓޮޓެންހަމްގެ ލެޖެންޑެއްގެ ގޮތުގައި ގުނަން އޭނާ ބޭނުންވަނީ ކްލަބާއެކު ތައްޓެއް ކާމިޔާބު ކުރުމަށްފަހު ކަމަށެވެ. "އަހަރެން އަދި ނުދެކެން އަހަރެމެން ސްޕާސް (ޓޮޓެންހަމް) ގެ ލެޖެންޑެއް ކަމަކަށް. ކުރިންވެސް އަހަރެން ބުނިން މިކްލަބުގެ ލެޖެންޑަކަށް އަހަރެންގެ ނަން ގުނަން ބޭނުންވަނީ ތައްޓެއް ކާމިޔާބު ކޮށްދިނުމަށްފަހު ކަމަށް. މިކްލަބު ދޫކޮށްދާން ބޭނުން ވަނީ ލެޖެންޑެއް ގޮތުގައި" މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޓޮޓެންހަމްގެ ކެޕްޓަން ކަމުގެ ޒިއްމާވެސް ނަގަމުން އަންނަ ސޮން ބުންޏެވެ.
ސޮން ބުނީ ކެޕްޓަން ކަމުގެ ޒިއްމާއާއެކު ދަނޑުމަތީގައި އަދި ދަނޑުން ބޭރުގައިވެސް އޭނާގެ ޒިއްމާ މިހާރު ބޮޑުވެފައިިވާ ކަމަށް ގަބޫލް ކުރާ ކަމަށެވެ. "ޕްރިމިއަރ ލީގުގެ ކްލަބެއްގެ ކެޕްޓަނެއްގެ ޒިންމާ ނަގަން ޖެހުމަކީ ވަރަށް ބޮޑު ކަމެއް. ވަރަށް ބޮޑު ޗެލެންޖެއް. ކެޕްޓަނެއްގެ ޒިންމާ ނަގައިގެން މިދިޔަ ސީޒަނުގައި ކުޅެން ޖެހުމުން ކުރިން ނޭނގޭ އެތައްކަމެއް ދަސްވި. އަދިވެސް އަހަރެން މިހުރީ ކަންކަން ދަސްކުރުމުގެ މަރުހަލާގައި" ސޮން ބުންޏެވެ.
މިސީޒަނުގެ އުއްމީދުތަކާ ގުޅޭ ގޮތުން ސޮންއާ ސުވާލު ކުރުމުން ބުނީ އޭނާގެ އަމާޒަކީ އަބަދުވެސް އެންމެ މަތީގައި ހުރުން ކަމަށެވެ. "ޓީމް، އިންޑިވިޖުއަލް، ހުރިހާ އެއްޗެއް، ދެން ހިނގާ ބަލަމާ ސީޒަން ނިމޭއިރު އަހަރެމެންނަށް (ޓޮޓެންހަމް) އަށް އޮވެވެނީ ކިހާ ހިސާބެއްގައިތޯ ބަލަމާ" ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރާ ސޮން ބުންޏެވެ.