3.2 ޓަނު (3،200 ކިލޯގްރާމް) ގެ މުދާ އުފުލޭ، މީހަކާ ނުލައި އޮޕަރޭޓްކުރާ ސިވިލް ޑްރޯނެއް ޓެސްޓުކޮށް، ޗައިނާގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އައު އުސްމިނެއް ހާސިލުކޮށްފިއެވެ.
މީހަކު ނުލައި ދުއްވޭ SA750U ޑްރޯން 40 މިނެޓުގެ ޓެސްޓު ދަތުރެއް ކުރިއެވެ. މި ދަތުރު ކުރީ ޗައިނާގެ ޝަންޝީ ޕްރޮވިންސްގެ ވެރިރަށް ޝިއާންގައި ހުންނަ ޑްރޯން ޓެސްޓުކުރުމަށް ޚާއްޞަކޮށްފައިވާ ވައިގެ ބަނދަރުގައެވެ.
މި އުޅަނދަށް 7،300 މީޓަރުގެ އުސްމިނުގައި ދަތުރުކުރެވޭނެއެވެ. އަދި 2،200 ކިލޯމީޓަރުގެ ދުރުމިނަށް ދަތުރުކުރެވޭނެއެވެ. މި އުޅަނދުގެ އެންމެ ބޮޑު ލޯޑް ވެއިޓަކީ 7.5 ޓަނެވެ. އަދި ގަޑިއަކު 308 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރެވޭނެއެވެ. މި އުޅަނދު އުފައްދާފައިވަނީ މެދުތެރޭ ޗައިނާގެ ހޫނާން ޕްރޮވިންސްގައި ހުންނަ ހޫނާން ޝަންހޭ ހުއާޔޫ އޭވިއޭޝަން ޓެކްނޮލޮޖީ ކުންފުނިންނެވެ.
މީގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ސަރަޙައްދީ ވައިގެ ލޮޖިސްޓިކްސް، ވަކި ޙާލަތްތަކުގައި މީހުން ނުލައި ތަކެތި ފޯރުކޮށްދިނުން، އަދި ޖަންގަލިތަކާއި ގްރާސްލެންޑްތަކުގައި އަލިފާން ނިއްވުން ހިމެނެއެވެ.
ދުނިޔޭގެ އެންމެ ގިނައިން ޑްރޯން އުފައްދާ ޤައުމުގެ އުފެއްދުންތެރިން ޓެސްޓް ފްލައިޓްތައް އިތުރުކުރަމުންދަނީ ޗައިނާއިން ވައިގެ ސަރަޙައްދުތަކާ ގުޅޭ ގަވާއިދުތައް ލުއިކޮށް، 'ލޯ-އެލްޓިޓިއުޑް' އިޤްތިޞާދެއް ބިނާކުރުމަށް ހިތްވަރުދޭ އިންސެންޓިވްތައް ތަޢާރަފުކުރަމުންދާ ވަގުތެއްގައެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ދާއިރާ 2030 ވަނަ އަހަރާ ހަމައަށް 2 ޓްރިލިއަން ޔުއާން (280 ބިލިއަން ޑޮލަރު) ގެ ޞިނާޢަތަކަށް ވެގެންދާނެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 4 ގުނަ އިތުރު އަދަދެކެވެ.
ޗައިނާގެ ޑްރޯން އުފައްދާ ފަރާތްތަކުން އަންނަނީ މުސްތަޤުބަލުގައި އެޤައުމުގެ ބޭނުންތަކަށް އަމާޒުކޮށް ބޮޑެތި ޑްރޯންތައް ޓެސްޓުކުރަމުންނެވެ. އެގޮތުން، SA750U ގެ ޓެސްޓް ފްލައިޓް ކުރިއަށް ގެންދެވުނީ މި މަހުގެ ކުރީކޮޅު ސިޗުއާންގެ އުފެއްދުންތެރިއަކު 2 ޓަނުގެ ބަރުދަން އުފުލޭ ޑްރޯނެއް ޓެސްޓުކުރި ދުވަސްކޮޅެއްގެ ފަހުންނެވެ. މީގެ 2 މަސް ކުރިން، ސަރުކާރުގެ މިލްކިއްޔާތުގައިވާ އޭވިއޭޝަން އިންޑަސްޓްރީ ކޯޕަރޭޝަން އޮފް ޗައިނާއިން 700 ކިލޯގެ ބަރުދަން އުފުލޭ ޑްރޯނެއް ޓެސްޓުކުރިއެވެ.
ޗައިނާގެ އިންޑަސްޓަރީ ތެރޭގައި ހިމެނޭ ފަރާތްތަކުން ބުނާ ގޮތުގައި ކާގޯ އުފުލާ ޑްރޯންތަކުން ކުރު މުއްދަތެއްގައި ތަކެތި ފޯރުކޮށްދެވި، ދަތުރުފަތުރުގެ ޚަރަދު ކުޑަކުރެވޭނެއެވެ. އަދި މިފަދަ ޑްރޯންތަކަށް އާންމު ވައިގެ ދަތުރުފަތުރުގެ ވަސީލަތްތައް ނެތް ތަންތަނުގައިވެސް، މިސާލަކަށް މީހުން ގިނައިން ދިރިއުޅޭ ސަރަޙައްދުތަކުގެ އިމާރާތްތަކުގެ ފުރާޅުމަތީގައިވެސް، ޖައްސައި އަދި ދަތުރު ފަށައިގަނެވޭނެއެވެ.