ރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުންއައި ރަޖަނީ ޝްރެސްތާ އާއި ސުޝްމިތާ ދައުސޮގާ ނަމަކަށް ކިޔާ ދެ ބިދޭސީއަކު އަތުލައިގަނެ، ޑީޕޯޓް ކޮށްލައިފިއެވެ.

އިމިގްރޭޝަނުން މި ކަންހާމަކޮށްފައިވަނީ އެ އިދާރާއިގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓަގައި ބުނެފައިވާގޮތުން މި ދެ ބިދޭސީ ތެރެއިން ރަޖަނީ ޝްރެސްތާ އަތުލައިގަތީ، "އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާއި ގުޅިގެން މިމަހުގެ 11 ވަނަ ދުވަހު ރިޒް ސެލޫންގެ މައްޗަށް ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިޔައެވެ. އަދި އޭނާ ވިޔަފާރި ކުރަމުން ދިޔައީ އޭނާއަށް ދޫކޮށްފައިވާ ވިސާގެ ބޭރުން ގަވާއިދާއި ހިލާފަށް ކަމަށާއި އޭނާއާއިއެކު އެ ސެލޫންގައި މަސައްކަތް ކުރަމުން ދިޔަ 4 ބިދޭސީންގެވެސް ސައްހަ ވިސާނެތުމުން، ރިޒްއާއެކު އެ 4 ބިދޭސީންވެސް ވަނީ ޑީޕޯޓުކޮށްލާފައެވެ. އެއީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

މީގެއިތުރުން ސުޝްމިތާ އަތުލައިގަތީ އެ އިދާރާގެ "އިމިގްރޭޝަން ވޮޗް"އަށް ޕޯޓަލްއަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި އިންޕެކްޝަނެއްގެ ތެރެއިންކަމަށާއި އެއީ މި މަހުގެ 18 ވަނަ ދުވަސްކަމަށާއި އޭނާ ފުރުވާލީ މި މަހުގެ 20 ވަނަ ދުވަހު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން މިހާރު ދަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ އަދި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން، ގަވާއިދާ ހިލާފު ހަރަކާތްތަކާ ބެހޭ މައުލޫމާތު ހުށަހެޅުމަށް "އިމިގްރޭޝަން ވޮޗް" ނަމުގައި 24 ގަޑިއިރު ހިދުމަތްދޭ އޮންލައިން ޕޯޓަލްއެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.