ލިޔުއްވީ: ފަޟީލަތުއްޝައިޚް އާދަމް ނަސީމް (ބީއޭ ނަސީމް)

ﷲ ރުއްސުންލެއްވި ޚައްބާބު ބުނުލްއަރައްތުގެ އަރިހުން އަލްއިމާމުލްބުޚާރީ ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައިވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނުގެ ރިދާކޮޅެއް، ބާލީހެއްގެ ގޮތުގައި ބޭނުން ހިއްޕަވައި އޭގައި އިސްތަށިފުޅު އަޅުއްވައިގެން ގެފުޅުގެ ހިޔަލުގައި ބޭނުން ހިއްޕަވައި އޭގައި އިސްތަށިފުޅު އަޅުއްވައިގެން ގެފުޅުގެ ހިޔަލުގައި އަރާމުކޮށްލައްވަން އޮންނަވަނިކޮން ތިމަން ބޭކަލުން ދަންނަވައިފީމުއެވެ.

ޢަދާވަތްތެރީންގެ އުނދަގޫތަކުން ސަލާމަތްވުމަށާއި، އެބައިމީހުންގެ މައްޗަށް ތިމަންމެންނަށް ނަޞްރު ދެއްވުމަށް އެދިވަޑައިގެން ދުޢާކޮށް ނުދެއްވާނުތޯއެވެ؟ ފަހެ، ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ކުރީގައި އިސްވެދިޔަ އުއްމަތްތަކުގެ މީހުން ދަންނައެވެ! ފަހެ ހަމަކަށަވަރުން އެބައިމީހުންގެ ތެރެއިން، ﷲއަށް އީމާންވާމީހާ ގެނެސް، ބިމުގައި ވަޅުގަނޑެއްކޮނެ، އެވަޅުގަނޑުގައި އޭނާ ވަޅުލެވޭކަމުގައިވެއެވެ. ދެން ކީސްގެނެސް އޭނާގެ ބޮލުގެ މެންކަފާޅައިގައި ކީސްއަޅައި ދެފަޅިއަށް ކީހައިލެވޭ ކަމުގައިވިއެވެ.

ނުވަތަ ދަގަނޑު ފުނަލުން ހަށިގަނޑުގައި ފުނާއަޅައި، ކަށިން މަސް ވަކުކުރެވޭ ކަމުގައިވިއެވެ. ހަމަކަށަވަރުން މިފަދަ އަނިޔާކުރުމުންވެސް އޭނާ ދީން ދޫކޮށެއް ނުލައެވެ. ﷲ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން ﷲ މިދީން ފުރިހަމަކޮށްދެއްވާނެއެވެ. ޞަންޢާއިން ޙަޟްރަމަޥްތަށް ދަތުރުކޮށްފައިދާ މީހާ، ﷲ މެދުވީ އެހެން ފަރާތަކަށް އެއްވެސް ބިރެއްނެތި ދަތުރުކޮށްފައިދާނެއެވެ. އޭނާގެ ބަކަރިތަކުގެ މައްޗަށް މިނިކާވަގު ދެކެ ގަންނަ ބިރުގަތުމެއް މެނިވީއެވެ. އެހެންކަމަކު ތިޔަބައިމީހުން އަވަސްވެ ގަންނަނީއެވެ."

ﷲއަށް އީމާންވާ މީހުންނަށް އަނިޔާ ލިބުމަކީ ހުރިހައި ޒަމާނެއްގައިވެސް ހިނގަމުން އަންނަކަމެކެވެ. މިއުއްމަތުގައިވެސް މިބާވަތުގެ މިސާލުތައް ނުހަނު ގިނަމެއެވެ. ﷲ ރުއްސުންލެއްވި ބިލާލުގެފާނާއި، ﷲ ރުއްސުންލެއްވި ޢައްމާރު ބުނު ޔާސިރުގެ ޢާއިލާފަދަ އެތައް ގިނަ ބޭކަލުންނާއި، ބޭކަނބަލުންނެވެ. ޢައްމާރު ބުނު ޔާސިރުގެ މަންމާފުޅަކީ ސުމައްޔާއެވެ. އެތަކެއްފަހަރު އަބޫޖަހްލު އެކަމަނާއަށް ކުދި އަނިޔާ ކުރަމުންގޮސް އެންމެފަހުން އެކަމަނާގެ ލަދުވެތި ގުނަވަނަށް ޚަންޖަރު ޖަހައި އެކަމަނާ ޝަހީދުކޮށްލީއެވެ.

މިކަމަނާއަކީ މިއުއްމަތުގެ އެންމެ ފުރަތަމަ ޝަހީދެވެ. މިމަތިވެރި ދަރަޖަ މިއުއްމަތުގައި ލިބިވަޑައިގެންފައި މިވަނީ އަންހެނަކަށްކަން މިއުއްމަތުގެ އަންހެނުން ހަނދާން ކުރުން ހުއްޓެވެ. މިމަތިވެރިކަމުގެ ސަބަބުންނެވެ. މުޞީބާތަށް ކެތްތެރިވެ ވަޑައިގަތުމުގެ ސަބަބުންނެވެ. ވުމާއިއެކު، ﷲ ގެ އަމުރުފުޅަކަށް ކިޔަމަންތެރިކަން އަދާކުރުމުގައި ތަޤްވާވެރިއަކު ފަހެއް ނުޖެހޭނެކަން މިޙާދިޘާއިންވެސް ހާމަވެގެންދެއެވެ. އެއީ ﷲގެ އަމުރުފުޅާ އެއްގޮތަށް ހެދުންއެޅުން ކަމުގައިވިޔަސްމެއެވެ.

ދެންފަހެ، ﷲއަށް އީމާންވެ، އެކަލާންގެ މަނާކުރެއްވި ކަންތަކުން ދުރުވެ ރައްކައުތެރިވުމާއި، ﷲގެ އަމުރުފުޅުތަކުން ކިޔަމަންތެރިކަން އަދާކުރުމާއި، މިސިފަތަކުން ސިފަ ލިބިގަންނަ މީހުންނަށް ދުނިޔޭގައި އަނިޔާ ލިބުމަކީ ހުރިހައި ޒަމާނެއްގައި ނުހަނު ގިނައިން ހިނގަމުން އަންނަ ކަމެކެވެ. މިމޭރުމުން ބަލާއިރު، ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންނަކީވެސް އިސްލާމްދީނުގެ މަގުގައި ނުހަނު ބޮޑެތި އުދަނގޫތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ބޭކަލުންނެވެ. އެބޭކަލުންނަކީ ކެތްތެރިކަމުގެ ލާމަޘީލް ބޭކަލުންނެވެ.

މުއުމިނުންނަކީ އިމްތިޙާނު ކުރެވޭނެ ބައެއްކަން ﷲ އަންގަވާފައިވެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. وَلَنَبۡلُوَنَّكُم بِشَىۡءٍ۬ مِّنَ ٱلۡخَوۡفِ وَٱلۡجُوعِ وَنَقۡصٍ۬ مِّنَ ٱلۡأَمۡوَٲلِ وَٱلۡأَنفُسِ وَٱلثَّمَرَٲتِ‌ۗ وَبَشِّرِ ٱلصَّـٰبِرِينَ ( ١٥٥ ) ٱلَّذِينَ إِذَآ أَصَـٰبَتۡهُم مُّصِيبَةٌ۬ قَالُوٓاْ إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٲجِعُونَ ( ١٥٦ ) أُوْلَـٰٓٮِٕكَ عَلَيۡہِمۡ صَلَوَٲتٌ۬ مِّن رَّبِّهِمۡ وَرَحۡمَةٌ۬‌ۖ وَأُوْلَـٰٓٮِٕكَ هُمُ ٱلۡمُهۡتَدُونَ (ބަޤަރާ ސޫރަތް، 155 – 157) މާނައީ: " ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ.

އެއީ، ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ! އެމީހުންނަކީ. އެމީހުންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށޭ، އަދި ތިމަންމެން އެނބުރި ދާނީވެސް އެކަލާނގެ ޙަޟުރަތަށޭ ބުނާ މީހުންނެވެ. އެމީހުންނަކީ، އެމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުން މަޣްރިފަތާއި ރަޙްމަތް އެމީހުންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެބައިމީހުންނެވެ."

ﷲ ވަޙީކުރައްވާފައިވެއެވެ. أَمۡ حَسِبۡتُمۡ أَن تَدۡخُلُواْ ٱلۡجَنَّةَ وَلَمَّا يَعۡلَمِ ٱللَّهُ ٱلَّذِينَ جَـٰهَدُواْ مِنكُمۡ وَيَعۡلَمَ ٱلصَّـٰبِرِينَ (ال عمران 142) މަނައީ: "ތިޔަބައިމީހުންގެ ތެރެއިން ޖިހާދު ކުޅަމީހުން اللَّه ދެނެވޮޑިގެންވެ، އެކަން ހާމަނުވަނީސް އަދި، ކެތްތެރިންވެސް ދެނެވޮޑިގެންވެ، އެކަން ހާމަނުވަނީސް ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟"ޖިހާދުކުރުމުގައި އިސްކަން ދޭންޖެހެނީ ތިމާގެ ނަފްސުގެ ޖިހާދަށެވެ. އެއީ ތިމާގެ ހަވާނަފްސާ އިދިކޮޅަށް ކުރަންޖެހޭ ޖިހާދެވެ.

ނޯޓް: ލިޔުމުގެ އަސްލު ނެގިފައިވަނީ "ދިއިސްލާމް.ކޮމް" އިންނެވެ.