އިނގިރޭސި ރާނީ އަލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.

ބަކިންހަމް ޕެލަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕްރިންސް ފިލިޕް ހޮސްޕިޓަލުގައި އެމިޓް ކުރެވުނީ "ރައްކާތެރި ފިޔަވަޅެއްގެގޮތުން" ކަމަށެވެ.

ޕްރިންސް ފިލިޕް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ، ފިލިޕްސްގެ ޑޮކްޓަރު އެކަމަށް ލަފާ ދެއްވުމުން ކަމަށާއި، ޑޮކްޓަރު އެކަމަށް ލަފާދެއްވީ ޕްރިންސް ފިލިޕް އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންވެ، އޮބްޒަރވޭޝަންއަށާއި އަރާމު ކުރެއްވުމަށް ޕްރިންސް ފިލިޕް ހޮސްޕިޓަލުގައި ދުވަސްކޮޅަކަށް އޮންނަވާނެ ކަމަށްވެސް ބަކިންހަމް ޕެލަސްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އުމުރުފުޅުން 99 އަހަރުގެ ޕްރިންސް ފިލިޕް، 2019 ވަނަ އަހަރުގެ ފަހުކޮޅުވެސް ކުރު މުއްދަތަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނެވެ.

ރަސްމީ މަސްއޫލިއްޔަތުތަކުން 2017 ވަނަ އަހަރު ވަކިވެވަޑައި ގެންނެވިފަހުން ޕްރިންސް ފިލިޕް، އާންމުންނަށް ފެނިފައިވަނީ ވަރަށް މަދު ފަހަރެއްގައެވެ.

ޝާހީ މަސްދަރަކާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، ޕްރިންސް ފިލިޕް ހޮސްޕިޓަލަށް ވަޑައިގެންނެވީ ކާރުކޮޅުގައި ކަމަށެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ އިމަޖެންސީއެއް ދިމާވެގެން ނޫން ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ޕްރިންސް ފިލިޕަށް ކޮވިޑާ ގުޅުންހުރި އާލާސްކަންފުޅެއް ޖެހިވަޑައިގެންފައި ނުވާކަމަށްވެސް ޝާހީ މަސްދަރުން ކަށަވަރު ކޮށްދީފައި ވެއެވެ.

ނަމަވެސް، އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ ކޮން ކަހަލަ އާލާސްކަންފުޅެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އިނގިރޭސި ރާނީ އެލިޒަބަތުގެ އުމުރުފުޅަކީ 94 އަހަރެވެ.

ރާނީ އެލިޒަބަތާއި، ފިރިކަލުން ފިލިޕް، ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ދިރިއުޅުއްވަމުން ގެންދަވަނީ ލަންޑަން ކައިރީގައި ހުންނަ ވިންޑްސަރ ކާސަލްގައެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، ރާނީ އެލިޒަބަތާއި، ފިރިކަލުން ފިލިޕް ޖައްސަވާފައިވަނީ މިދިޔަ ޖެނުއަރީމަހުގެ ކުރީކޮޅުގައެވެ.