ޖަމާލުއްދީން ސްކޫލުގެ ސްކައުޓް ދަރިވަރުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލަށް ޒިޔާރަތްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ޖަމާލުއްދީން ސްކޫލުގެ ސްކައުޓުން އިއްޔެ ކުރި މި ޒިޔާރަތުގަައި އެ ސްކޫލުގެ 91 ސްކައުޓް ދަރިވަރުންގެ އިތުރުން 22 ޓީޗަރުން ބައިވެރިވި ކަމަށެވެ.

އަދި މި ޒިޔާރަތުގައި، ބައިވެރިންނަށް ވަނީ، ފަޔަރ ފައިޓަރުންގެ ދުވަހުގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މައްޗަށް އަލިއަޅުވާލައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށާއި އެގޮތުން، ފަޔަރ ސްޓޭޝަނެއްގައި ޑެއިލީ އިންސްޕެކްޝަންތައް ކުރިއަށްގެންދާ ގޮތާއި، ފަޔަރ ސްޓޭޝަނުގައި ބޭނުންކުރާ އުޅަނދުފަހަރާ ބެހޭ މަޢުލޫމާތާއި، ޓެކްނިކަލް ރެސްކިޔުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން، ހައިޑްރޯލިކް ޓޫލްސްގެ ޑެމޮންސްޓްރޭޝަނާއި، ފަޔަރ ސްޓޭޝަންގެ ޓުއަރއަކާއި، އަލިފާނުގެ ހާދިސާއެއް ހިނގުމުން ފަޔަރފައިޓަރުން ހަރަކާތްތެރިވާ ގޮތުގެ ޑެމޮންސްޓްރޭޝަނެއް ދަރިވަރުންނަށް ހުށަހަޅައިދީފައިވާ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.

މި ޒިޔާރަތުގައި ސްކައުންޓުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި މަސައްކަތްކުރާ ފަޔަރ ފައިޓަރުންނެވެ.