ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ މަގާމުތަކަށް އަމާޒުކޮށް ޒަޔަނިސްޓް އިޒްރޭލުގެ 100 އަށްވުރެ ގިނަ ހަނގުރާމަ މަތީ މަތިންދާ ބޯޓްތަކުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

ހިޒްބުﷲ އިން ވެސް ގެންދަނީ އިޒްރޭލަށް ހަމަލާ ދެމުންނެވެ. ރެއިން ފެށިގެން މިހާތަނަށް ހިޒްބުﷲ އިން އިޒްރޭލަށް 300 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެއެވެ. އިޒްރޭލުން ވަނީ ބީޗްތަކާއި އާންމު އެއްވުންތައް ނުބޭއްވުމަށް މިހާރު އަމުރެއް ނެރެފައެވެ.

ހިޒްބުﷲ އާއި އިޒްރޭލުގެ މަޝްރަހް ހޫނުވެ، ސަރަހައްދީ ހަނގުރާމައެއް ފެށިދާނެކަމަށް ބެލެވިފައިވާ މިވަގުތުގައި އިޒްރޭލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ގެންދަނީ އޭނާގެ ސެކިއުރިޓީ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވަމުންކަން އިޒްރޭލުގެ ނޫސްތަކުން ބުނެއެވެ.

ހިޒްބުﷲ އާއި އިޒްރޭލުގެ ކުރިމަތިލުންތައް ހަނގުރާމައަކަށް ފުޅާވެގެން ހިނގައިދާނެކަމުގެ ބިރު އުފެދިފައިވާއިރު، ކުރިއަށް އޮތް ހައެއްކަ ގަޑިއިރަކީ ވަރަށް މުހިއްމު ވަގުތުތަކެއް ކަމަށް މަސްރަޚް ވަރަށް ކައިރިން ދިރާސާ ކުރަމުން އަންނަ އަލްޖަޒީރާ ނިއުސް އެޖެންސީއިން ބުނެއެވެ.