އެއް ފަހަރާ އެންމެ ގިނަ ކޮންޓޭނަރ ބަރުކޮށްގެން މާލޭ ވިޔަފާރި ބަނދަރަށް ކޯލް ކުރި ބޯޓު "ސްޕިލް ނިކެން" އާއެކު ބަނދަރަށް ޖާގައިގެ ދަތިކަމެއް ދިމާވެފައިވާކަމަށް މޯލްޑީވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެއެވެ.

18 އޯގަސްޓް 2024 ވަނަ ދުވަހު ކޯލްކޮށްފައިވާ މި ބޯޓުގައި ޖުމްލަ 1836 ޓީއީޔޫ ހިމެނުނު ކަމަށް އެމްޕީއެލް އިން ހާމަކުރިއެވެ.

މިހާރު ޕެނަމާގެ ދިދައިގެ ދަށުން ދަތުރުކުރާ މިބޯޓު ރާއްޖެއަށް އައުމުގެ ކުރިން ކޯލްކޮށްފައިވަނީ މެލޭޝިއާގެ ޓަންޖުންގް ޕެލެޕާސްގެ ޕޯޓަށްކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. އަދި މި ބޯޓުގައި ހިމެނޭ ކޮންޓޭނަރުތަކީ މެލޭޝިއާ އާއި ސިންގަޕޯ އިން ބަރުކޮށްފައިވާ ކޮންޓޭނަރުކަމަށާއި މިއީ ގިނަދުވަސްތަކެއްވަންދެން ރާއްޖެއަށް ނުގެނެވިފަހުރި ކޮންޓޭނަރުތަކެއް ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

އެމްޕީއެލްއިން ވިދާޅުވީ، މި ބޯޓާއެކު މި ވަގުތު މާލޭ ވިޔަފާރި ބަނދަރަށް އެއްފަހަރާ ކޯލްކޮށްފައިވާ އެހެން ބޯޓު ފަހަރުގައި ހިމެނޭ ކޮންޓޭނަރތަކާއެކު، މި ފާއިތުވި ހަފުތާގެ އިންބައުންޑް ކޮންޓޭނަރ ވޮލިއުމް ވަނީ 3000 ޓީއީޔޫއަށްވުރެ މަތިވެފައިވާކަމަށެވެ. އިންބައުންޑް ކޮންޓޭނަރތަކާއި، މާލޭ ވިޔަފާރި ބަނދަރުގައި މި ވަގުތު ހުރި ކޮންޓޭނަރތަކާއެކު، މިއޫ މާލޭ ވިޔަފާރި ބަނދަރުގެ ކެޕޭސިޓީއަށްވުރެ ދެ ގުނަ އިތުރު އަދަދެއްކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރުގެ އިންބައުންޑް ކޮންޓޭނަރ ވޮލިއުމް އާދަޔާ ހިލާފަށް މަތިވި ދަނޑިވަޅުގައި މޫސުން ގޯސްވުމުގެ ސަބަބުން، އޮޕަރޭޝަންސްތައް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވިއެވެ. ހާއްސަކޮށް، އެންކަރޭޖް އޮޕަރޭޝަންސްތަކާއި، ކޮންޓެއިނަރ ޓްރާންސްފާރ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.

އެހެން ނަމަވެސް، 24 އޯގަސްޓް 2024 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް "ސްޕިލް ނިކެން" އިން ޖުމްލަ 949 ކޮންޓޭނަރ ބާލައިފައިވާކަމަށް އެމްޕީއެލްއިން ހާމަކުރިއެވެ. އަދި އިންބައުންޑް ކޮންޓޭނަރ ވޮލިއުމް ވަނީ ދެ ބައިކުޅަ އެއް ބަޔަށް ކުޑަކުރެވިފައެވެ.

މިކަންކަމާ ގުޅިގެން، މާލޭ ވިޔަފާރި ބަނދަރަށް އިންބައުންޑް ކޮންޓޭނަރ ވޮލިއުމް އަދާޔާ ހިލާފަށް މަތިވެފައިވާ ދުވަސްވަރެއްގައި، މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމުގެ މަސައްކަތްތަކަށް ކުރިއަށްވުރެ ދިގު މުއްދަތެއް ހޭދަވުމަކީ އެކަށީގެންވާ ކަމެކެއްކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން މާފަށް އެދިފައިވެއެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް މި އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، މާލޭ ވިޔަފާރި ބަނދަރުގެ ޔާޑް ސަރަހައްދުން 250 ކޮންޓޭނަރ ޖެހޭނެ އިތުރު ޖާގައެއް ހަމަޖައްސާ، އިތުރު 100 ކޮންޓޭނަރ ޖެހޭނެ ޖާގައެއް ހެދުމުގެ މަސައްކަތް ފެށުން ހިމެނޭކަމަށް އެމްޕީއެލްއިން ހާމަކުރިއެވެ. އަދި ހަމައެއާއި އެކު ސަރަހައްދުގެ ރައްކާތެރިކާމާއި، ފަސޭހަކުރުމަށްޓަކައި ޕޭވްކުރުމާއި، ގިނަ މަރާމާތުތަކެއް ކުރިޔަށްދާކަންވެސް އެމްޕީއެލްއިން ފާހަގަކޮށްފައިވެއެވެ.