މަސްތުވާތަކެއްޗާ ދެކޮޅަށް ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސެޝަނެއް ގދ. ފިޔޯރީގައި ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އިއްޔެ ކުރިއަށް ގެންދިޔަ މި ސެޝަނުގައި، މަސްތުވާތަކެއްޗަށް ދެވިހިފާ ގޮތްތައް، މަސްތުވާތަކެތި ބޭނުންކުރުމުން ލިބޭ ގެއްލުން، މަސްތުވާތަކެތި ބޭނުންކުރުމުން ގެއްލުންލިބޭ ގުނަވަންތަކާއި އެކަމުގެ ސަބަބުން ވާނެ ގޮތްތައް އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް މަސައްކަތްކުރާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން މަސްތުވާތަކެތި ބޭނުންކުރާ މީހާ އެކަމުން ސަލާމަތްކުރުމަށް އާއިލާ އާއި މުޖުތަމައުގެ ފަރާތުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފިޔޯރީ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ނެޝަނަލް ޑްރަގް އެޖެންސީއާއި ރަށު ކައުންސިލާއި އެރަށު ގިރިންދާ ޖަމުއިއްޔާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި ސެޝަނުގައި ފުލުހުންނާއި ރަށުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން ހިމެނޭހެން 25 މީހުން ބައިވެރިވިއެވެ.