ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ސަރވިސް އެގްރީމަންޓެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި ގަތަރު އެއާވޭސްގެ ޖެނެރަލް ސަރވިސް އޭޖެންޓް، އޭސް ޓްރެވަލްސް މޯލްޑިވްސްއިން ސޮއިކޮށްފިއެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އޭސް ޓްރެވަލްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ފިރާގެވެ.

މި އެއްބަސްވުމުގެ ދަށުން، ގަތަރު އެއާވޭސް މެދުވެރިކޮށް ސީ-ޓު-އެއަރ ޓްރާންޝިޕްމަންޓް ކާގޯގެ ޚިދުމަތް ފޯރުކޮށްދޭނެކަމަށް އެމްޕީއެލްއިން ހާމަކުރިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީ.އީ.އޯ ވަޖީހް ވިދާޅުވީ މި އަހަރުގެ މެއި މަހު ސީ-ޓު-އެއަރ ޓްރާންސިޕްމަނަޓްގެ ކާގޯގެ ޚިދުމަތް އަމަލީކޮށް ފެށި ފަހުން ދެ ތިން މަހުގެ ތެރޭގައި ނަތީޖާ ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.

"މި ތިން މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަޅުގަނޑުމެން ކާގޯ ފޮނުވައިފިން. މިއީ ކުރިންވެސް އެއާލައިންތަކުން ފެށުމަށް އެދެމުން އައި ޚިދުމަތެއް އެކަމަކު މިހާތަނަށް ކޮންމެވެސް ސަބަބުތަކަކާހެދި މިކަން ނުވެފައި އޮތީ. މި ސަރުކާރުން އައިސް މި ޚިދުމަތް މި ފެށީ،" ސީ.އީ.އޯ ވަޖީހް ވިދާޅުވިއެވެ.

ސީ.އީ.އޯ ވަޖީހް ވިދާޅުވީ މިއީ ޚިދުމަތަކީ އެހެން ގައުމުތަކުގައި ކުރިންސުރެ ކުރަމުން އަންނަ ކަމެއްކަމަށެވެ. އަދި ސްރީލަންކާ އިންވެސް މި ޚިދުމަތް ފޯރުކޮށްދޭކަމަށެވެ. ނަމަވެސް ރާއްޖެއިން ވައިގެ މަގުގެ ކަނެކްޝަންތައް، ހާއްސަކޮށް ޔޫރަޕަށް ރަނގަޅުވުމުން އިތުރު ފައިދާއެއް ލިބިގެންދާކަމަށެވެ.

ސީ.އީ.އޯ ވަޖީހް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިސާދީ ހަރަކާތްތައް ފުޅާކޮށް، އާމްދަނީ އިތުރުކުރުމަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ޚިދުމަތް ފުޅާކުރުމަށްވެސް ސަރުކާރުން ބާރު އަޅާ ކަމަށެވެ. އަދި ގަތަރު އެއާވޭސްއާއެކު، ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

"މިއީ ޑޮލަރުން އާމްދަނީ ލިބޭ ޚިދުމަތެއް. މި ޚިދުމަތް ލިބިގެން ފުޅާވެގެންދާ ވަރަކަށް، އާމްދަނީއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ،" ސީ.އީ.އޯ ވަޖީހް ވިދާޅުވިއެވެ.

އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރ ފިރާގް ވިދާޅުވީ ސީ-ޓު-އެއަރ ޚިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް ފަހިކޮށް ކަމަށެވެ.

"އަޅުގަނޑުމެން މި ނުކުންނަނީ މި ޚިދުމަތަށް ތަޖުރިބާއާއެކު. ގަތަރު އެއާވޭސް އަކީ މިހާރުވެސް ދުވާލަކު ތިން ފްލައިޓް ރާއްޖެއަށް ބާއްވާ އެއާލައިނެއް. އަދި ފިނި މޫސުމުގައި ހަތަރު ފްލައިޓް އެބަ ބާއްވާ. އެހެންވީމަ މި ޚިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް ފެހިކޮށް،" ފިރާގް ވިދާޅުވިއެވެ.

މި އަހަރުގެ މާޗު މަހު އެމްޕީއެލް އިން ތައާރަފްކުރި ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯގެ ޚިދުމަތުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ އިން ފޮނުވީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި ޚިދުމަތް ފަށައިގަތީ ޓަރކިޝް އެއަރލައިންސްއާ ގުޅިގެން މިދިޔަ މެއި މަހުގެ ތެރޭގައެވެ. މި ޚިދުމަތުގެ ދަށުން، ބަންގްލަދޭޝްއިން ކަނޑުމަގުން 25,000 އަށްވުރެ ގިނަ އަންނައުނުގެ ޕެކޭޖު ދިވެހިރާއްޖެއަށް ގެނެވި، އިޓަލީ، ޖަރުމަނު، އެމެރިކާ، ކެނެޑާ އަދި ތުރުކީއަށް އެކްސްޕޯޓު ކުރެވިފައިވެއެވެ..

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ވައިގެ މަގާއި ކަނޑުމަގު އެކުއެކީގައި ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއްތަނަށް ފޯރުކޮށްދިނުމަށް ހަލުވި އަދި ފަސޭހަ ޚިދުމަތެކެވެ. މި ހައިބްރިޑް މޮޑެލްގެ ސަބަބުން، މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ އެކި ބޭނުންތައް ފުރިހަމައަށް ފުއްދައިދެވޭނެއެވެ. އަދި މީގެ އިތުރުން، މުދާ އުފުލުމުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފުޅާ ދާއިރާއެއްގައި ބެލެހެއްޓޭނެއެވެ.