މޯލްޑިވްސް ލީޑަރޝިޕް ޕުރޮގުރާމުގެ ދެވަނަ ބެޗުގެ ތަމުރީނު ސެޝަންތައް މި މަހުގެ 27 އިން 28 އަށް މާލޭގައި ބާއްވަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މޯލްޑިވްސް ލީޑަރޝިޕް ޕުރޮގުރާމުގެ ދެވަނަ ބެޗު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ "މޯލްޑިވްސް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް" ގެ ނަމުގައެވެ.
މި ޕްރޮގުރާމަކީ އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ "އެކްސްޕީރިއެންސް އެކްސްޗޭންޖް އޮން ގަވަރންމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަން" އާބެހޭ އެމް.އޯ.ޔޫ އާ ގުޅިގެން ކުރިއަށް ގެންދަވާ ތަމްރީނާ ތަޖުރިބާ ބަދަލު ކުރުމުގެ ޕްރޮގްރާމެކެވެ.
އެގޮތުން މިއީ ޔޫ.އޭ.އީ ގެ މިނިސްޓްރީ އޮފް ކެބިނެޓް އެފެއާޒުން ކުރިއަށް ގެންދަވާ "ގަވަރމަންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް"ގެ ކެޕޭސިޓީ ބިލްޑިންގ ވަރކްސްޓްރީމްގެ ދަށުން ޔޫ.އޭ.އީ ސަރުކާރުން ހިންގާ ލީޑަރޝިޕް ޕްރޮގްރާމުގެ ދެވަނަ ބެޗެވެ. މި ފަހަރުގެ ޕުރޮގުރާމު އަމާޒުކޮށްފައި ވަނީ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށެވެ.
މި ޕްރޮގުރާމަކީ، ވަރކްޝޮޕް ސެޝަންތަކާއި އޮންލައިން ސެޝަންތަކާއި ފީލްޑް ވިޒިޓްތައް ހިމެނޭ ގޮތަށް، 3 މަސް ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖެއާ ޔޫ.އޭ.އީ.ގައި ހިންގުމަށް ހަމަޖެހިފައިވާ ޕުރޮގުރާމެކެވެ. އެގޮތުން، މި ޕުރޮގުރާމުގެ ވަރކްޝޮޕް މޯޑުގައި ހިންގާ މޮޑިއުލްތަކުގެ ތެރެއިން ދެ މޮޑިއުލެއްގެ ސެޝަންތައް މި އޮގަސްޓު މަހުގެ 27 އިން 28 އަށް ރާއްޖޭގައި ކުރިއަށްގެންދާނެއެވެ.
މި ޕުރޮގުރާމުގެ ދަށުން ޔޫ.އޭ.އީގައި ކުރިއަށްގެންދާ ސެޝަންތަކުގައި ބައިވެރިވުމަށާ، ޔޫ.އޭ.އީ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރިއަށްގެންދާ ރިފޯމް އެންޑް މޮޑަރނައިޒޭޝަން ޕުރޮގުރާމުތައް ދެނެގަނެ، ތަޖުރިބާ ހާސިލުކުރުމަށްޓަކައި، ޕުރޮގުރާމުގެ ބައިވެރިން ޔޫ.އޭ.އީއަށް ޒިޔާރަތްކުރުމަށް ވަނީ ރޭވިފައެވެ. މި ޕުރޮގުރާމު ފުރިހަމަކުރާ ބައިވެރިންގެ ގްރެޖުއޭޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހު ޔޫ.އޭ.އީ.ގައި އޮންނަ ވާރލްޑް ގަވަރންމަންޓް ސަމިޓުގައެވެ.
މޯލްޑިވްސް އެގްޒެކެޓިވް ލީޑަރޝިޕް ޕުރޮގުރާމުގެ ސެޝަންތައް ނަންގަވައިދެއްވަން ޔޫ.އޭ.އީ އިން ރާއްޖެއަށް ވަޑައިގަންނަވާ ބޭފުޅުންގެ ޚަރަދުތަކާއި، މި ޕުރޮގުރާމުގެ ދަށުން ބައިވެރިން ޔޫ.އޭ.އީ. އަށް ކުރައްވާ ދަތުރުތަކުގެ ހުރިހައި ޚަރަދެއް ހަމަޖައްސަވައިދެއްވާނީ ޔޫ.އޭ.އީ. ގެ ސަރުކާރުންނެވެ.